ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ މުހައްމަދު ސައީދުގެ ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.

ކެމްޕޭން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޖުމްހޫރި ޕާޓީގެ ނައިބުރައީސް އަދި ކައުންސިލް މެމްބަރު އަހްމަދު ސައުދުއާއި، އެޕާޓީގެ އިސް ތަރުޖަމާނު އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހްގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ޕާޓީގެ އިތުރު މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި މުހައްމަދު ސައީދު ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާ އަކީ އެދާއިރާއަކަށްޓަކައި އެބޭފުޅާގެ ހަޔާތުގެ ބޮޑު ބައެއް ގުރުބާންކުރެއްވި ދާއިރާއެއްކަމަށެވެ. މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލީ، އެދާއިރާގެ މިހާރުގެ ހާލަތާއި، ކުރީގެ ހާލަތު އެންމެ ރަނގަޅަށް އެނގޭތީކަމަށެވެ.

މިދާއިރާގެ ކޮންމެ ރައްޔިތަކާއި ދިމާވިޔަސް ދައްކާ އެއްވާހަކައަކީ ގެދޮރުގެ ދަތިކަމާއި، އުޅުމުގެ ދަތިކަމާއި، ފުދުންތެރިކަމުގެ ދަތިކަމުގެ ވާހަކަކަމަށް ސައީދު ވިދާޅުވިއެވެ. އެކަންކަން ރަނގަޅުކުރުމަށް ނިކުންނާނެކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އެކަމަ ނިކުންނާނީ ވަކި ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ނޫންކަމަށާ ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަގްސަދުގައިކަމަށެވެ.

"އަރާދަކުރެއްވިއްޔާ ތިބޭފުޅުން އަޅުގަނޑަށް ދޭނެ ވޯޓަކި ގެއްލިގެން ދާނެ ވޯޓެއް ނޫން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ނިކުންނާނީ މާފަންނު ހުޅަނގު ދާއިރާގައި ވަޒީފާއެއް ނެތި ތިބި 1683 މީހުންނާއެކީގަ އެމީހުންނަށް ވަޒީފާ ހޯދައިދިނުމުގެ މަގްސަދުގައި. މިދާއިރާގައި ތިބި 783 މީހުންނަކީ އަމިއްލަ މަސައްކަތް ކޮށްގެން ދިރިއުޅޭ މީހުން. އެބޭފުޅުންގެ ވިޔަފާރިއަށް ހުރަސްތައް ކުރިމަތިވާނަމަ އެކަމަށްވެސް އަޅުގަނޑު ނިކުންނާނީ ވަރަށް ކެރިގެން"
މުހައްމަދު ސައީދު

މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ނައިބުރައީސް އަހްމަދު ސައުދު ވިދާޅުވީ ކައުންސިލްކަމަށް ކުރިމަތިލާފައިވަ ސައީދަކީ ކުރާކަމެއްގައި ފަހަތަށް ޖެހުމެއް ނެތި އަދި މީހަކަށް ބެލުމެއް ނެތި ކުރިޔަށްދާނެ ބޭފުޅެއްކަމަށެވެ.

"ސައީދުއަށް ދޭ ވޯޓެއް ގެންލިގެން ނުދާނެ. ސައީދަކީ އޭގެ ޒާތުގައި ކަމެއް އެދާއިރާއަށް ކުރުމަށްޓަކައި ޕާޓީއަށްވުރެވެސް ބޮޑަށް އަދި ރައްޔިތުންގެ ކަންތައްތަކަށްވުރެ ބޮޑަށް އިސްކުރައްވާނީ ދީނާއި ގައުމުގެ ކުރިމަގަށްޓަކައި ކުރެވެން އޮންނަ ކަމެއްގެ ގޮތުގައި އެބޭފުޅާ ކުރިޔަށްގެންދާނީވެސް"
ޖުމްހޫރީ ޕާޓީގެ ނައިބުރައީސް އަހްމަދު ސައީދު

ކޮންމެ މަސައްކަތެއް ކުރަންޖެހުނު ނަމަވެސް ކޮންމެގޮތަކަށްވެސް އެބޭފުޅާ ކުރައްވާނެކަމަށާ ކަމަކަށް ވައުދުވެއްޖެނަމަ އެކަން ކުރައްވާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސާލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ އެެއްވެސް ދާއިރާއެއްގެ ގޮނޑިއަކަށް ވާދަކުރަން ކެނޑިޓޭޓެއް ނެރޭނަމަ އެމީހަކު ވާނީ ވަރަށް ސާފު ކެނޑިޓޭޓަކަށްކަމަށެވެ. ޖުމްހޫރީ ޕާޓީން ކަމަކަށް ކުރިމަތިލައިފިނަމަ، އެކަމެއް ކުރަން، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށެވެ.

ރާއްޖެ ހަމަމަގަށް އަޅުވަނަ ޖެހިއްޖެ ކޮންމެ ހަލަތެއްގައިވެސް ޖުމްހޫރީ ޕާޓީން އިސްނަގާނެކަން ފާހަގަކުރައްވާ އަލީ ސާލިހް ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ނުލައި ރާއްޖޭގެ ކުޅިހަމަކުރުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ.

"އަޅުގަނޑުމެންގެ ކައުންސިލް މެމްބަރުން ރާއްޖޭގެ އެތަން މިތާ އެބަތިބި. އަޅުގަނޑުމެންގެ އަތޮޅު ކައުންސިލުން އެބަތިބި. އެދާއިރާއެއްގައި މުޅި ދާއިރާއެއްގަ އަޅުކަންޑުމެންގެ ކައުންސިލް މެމްބަރުން ތިބި ދާއިރާތައް އެބަތިބި. އެެހެންކަމުން މިއިން ކޮންމެ ތަނަކުން ސަރުކާރަށް، ކުންފުނިތަކަށް އަދި ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ. އެހެންކަމުން އަޅުގަނޑުމެންގެ ކެނޑިޓޭޓަކަށް ވޯޓުދީގެން މިރާއްޖޭގެ އެއްވެސް ރައްޔިތެއްގެ ވޯޓެއް ބޭކާރުވެގެން ނުދާނެ"
ޖުމްހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސާލިހް