މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރަމުންދާ ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ތިން ރަށެއްގެ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތްކުރުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

އެގޮތުން ލ. މާމެންދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ ނެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި މަސައްކަތް ފަށާ، 28 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،126،703 ރުފިޔާއަށެވެ.

އަދި ސ. މަރަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ، 29 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،088،461 ރުފިޔާއަށެވެ.

ފޮޓޯ؛- ޔޫތް މިނިސްޓްރީ

މީގެއިތުރުން ފުވައްމުލައް ސިޓީ ދޫނޑިގަން އަވަށު ފުޓްބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް، ސައިޓް ހަވާލުކުރާތާ 28 ދުވަހުގެ ތެރޭގައި ފަށާ، 60 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ އާރުޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2،305،619 ރުފިޔާއަށެވެ.

ފޮޓޯ؛- ޔޫތް މިނިސްޓްރީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މިހާތަނަށް މި ސަރުކާރުން ވަނީ އަށް ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. އަދި މިހާތަނަށް 40 ށްވުރެ ގިނަ ރަށުގެ ފުޓްބޯޅަ ދަނޑުތަކުގެ މަސައްކަތް ވަނީ އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަނީ 2023-2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެއަށް ފުޅާކޮށްލައިގެން، ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ސަރުކާރުން ޓާފް ދަނޑުތައް އެޅުމަކީ ހޯމް އެންޑް އަވޭ އުސޫލަށް ރާއްޖޭގެ ފުޓްބޯޅަ ސިސްޓަމް ބަދަލުކުރަން ރާވާފައިވާ ރޭވުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.