ބޭސްފިހާރަތަކުން ޚިދުމަތްދިނުމުގައި ގަވައިދާ ޚިލާފަށް އަމަލުކުރާކަމަށް ފާހަގަވެފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފިއެެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މެންޑޭޓުގައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންތަކުގައި، ބޭހާ ޤަވާއިދުގެ ފުރަތަމަ އިސްލާހާއި ޚިލާފަށް ބޭސް ފިހާރަ ހިންގުމާއި ބޭސް ރައްކާކޮށް، ބޭސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ. އަދި ބޭސް ބަހައްޓަން ޖެހޭ ފިނިހޫނުމިނާއި ހިލާފަށް، ބޭހުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާގޮތަށް ބޭސް ބަހައްޓާ، ވިއްކަމުންދާކަންވެސް ފާހަގަކުރެވިފައިވާކަމަށެވެ.

ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި ޤަވާއިދުގައި ބަޔާންކޮށްފައިވާ ފަދައިން ބޭސް ފިހާރަ އަދި ބޭސް ގުދަން ހިންގާ އިމާރާތަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓްރީކޮށް "ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ" އާއި އެކު ހިދުމަތްދެމުންގެންދާ ތަންތަނަށް ވާންޖެހެއެވެ.

އަދި ބޭސް ފިހާރައެއްގައި ފާމަސިސްޓް، ފާމަސީ އެސިސްޓެންޓް ނުވަތަ ޑިސްޕެންސަރ އެއްގެ ގޮތުގައި ޑޮކްޓަރީ ބޭސް ދޫކުރުމުގެ މަސައްކަތްކުރެވޭނީ މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވުމަށްފަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ އިން ދޫކުރާ ޑޮކްޓަރީ ބޭސް ދޫކުރުމުގެ ހުއްދަ އާއި އެކު ކަމަށްވެސް އެފްޑީއޭ އިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ހުއްދަ ނެތް ފަރާތްތައް ބޭސް ދޫކުރުމަކީ މަނާކަމެއްކަމުގައި އަންގާފައިވެއެވެ.

ބޭހާއިބެހޭ ޤަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ރަޖިސްޓްރީކޮށްފައިވާ ބޭސްފިހާރައިގެ ޑޮކްޓަރީ ބޭސްވިއްކުމުގެ ހުއްދަ ދެއަހަރުން އެއްފަހަރު އައުނުކޮށް ޚިދުމަތްކުރިއަށް ގެންދިޔުމަކީވެސް މަނާކަމެއްކަމުގައި ބުނެފައިވެއެވެ. އެގޮތުން ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދަ އައުކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެތަންތަން އިންސްޕެކްޓް ކުރުމަށްފަހުގައި ކަމަށްވާތީ ހުއްދައިގެ މުއްދަތު ހަމަވުމުގެ 7 ދުވަސް ކުރިން ހުށަހެޅުމަށްވެސް އެ އޮތޯރިޓީން އަންގާފައިވެއެވެ.

މިފަދަ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ މައްސަލަތައް ފާހަގަކުރެވޭ ތަންތަނާއި މެދު، ބޭހާއި ބެހޭ ޤަވާއިދުގެ 11 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެފަރާތްތަކަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައިވެސް ލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ބުނެފައިވެއެވެ.