ދީބާޖާއަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާދެއްކުމަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއުކުރަން ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަން މާދަމަ އަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 13:00 ގައެވެ.

ދީބާޖާއަށް ބަދަލުދޭން ކުރި ހުކުމް ރިވިއުކުރަން ދައުލަތުން ހުށަހެޅިއިރު ކުރިން ބަންޑާރަ ނައިބު އޮފީހުން ބުނެފައިވަނީ، އެހުކުމް ރިވިއުކުރަން ހުށަހެޅޭނެ ސަބަބެއް ނެތް ކަމަށެވެ.

އެކަމަކު ފަހުން އެމައްސަލަ ހުށަހެޅީ އެއީ އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށްވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ދީބާޖާއާއެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދައުލަތުން ދައްކަން ޖެހެއެވެ.

ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި އަދަދު ބޮޑުވެ އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އެކި ގޮތްގޮތުން އަމާޒުވެފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސެޓްލްމަންޓު ކޮމިޓީއެއް އުފައްދަވައި، ސަރުކާރުން ދީބާޖާއާއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް ދިޔައެވެ.

އެއްބަސްވުމުގައި އޮތީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.