ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި އިނގިރޭސި ޗެމްޕިއަން ލިވަޕޫލް ބަލިކޮށް، ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑުން މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމުގެ އުންމީދު ބޮޑުކޮށްފިއެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ 1-3 ގެ ނަތީޖާއަކުންނެވެ.

މެޗާއި ކުރިމަތިލިއިރު ދެޓީމަށްވެސް އަނިޔާގެ ގިނަ މަައްސަލަތަކަކާއި ކުރިމަތިވެފައިވާއިރު ދެޓީމުގެވެސް އެންމެ އިތުބާރު ޑިފެންޑަރުން މެޗުގައި ފެނިގެންގޮސްފައެއް ނުވެއެވެ. އެގޮތުން އަނިޔާގެ ސަބަބުން ރެއާލްގެ ކެޕްޓަން، ސާޖިއޯ ރާމޯސް މެޗުގައި ނުކުޅޭއިރު ލިވަޕޫލްގެ އިތުބާރު ޑިފެންޑަރު، ވާޖިލް ވެން ޑައިކު އަދިވެސް ހުރީ އަނިޔާގައެވެ. ވެން ޑައިކަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ޕްރިމިއަރ ލީގުގައި އެވަޓަން އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައެވެ.

ރާމޮސް ވަނީ ސްޓޭންޑުގައި ހުރެގެން މެޗު ބަލާފަ- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން މުޅިން ފިޓް ނުވާކަމަށްބުނެ ރެއާލްގެ ތަޖުރިބާކާރު ފޯވާޑް، އެޑެން ހަޒާޑުވެސް ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ. އަދި އަންގާރަ ދުވަހުގެ ވަގުތެއްގައި ކޮވިޑަށް ޕޮޒިޓިވް ވުމާއެކު، އިތުބާރު ޑިފެންޑަރު، ރަފައެލް ވަރާން ވެސް މިމެޗުގައި ފެނިގެންގޮސްފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ، ގިނަވަގުތު ބޯޅަ ހިފަހައްޓާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވަނީ ރެއާލުންނެވެ. ނަތީޖާއަކަށްވީ މިހާފުގައި އެޓީމުން ދެލަނޑު ކާމިޔާބުކޮށް، ބޮޑު ލީޑެއް ނެގުމެވެ. މިގޮތުން ރެއާލްގެ ފުރަތަމަ ލަނޑު، 27 ވަނަ މިނެޓުގައި ޓޮނީ ކްރޫޒް ހުރަސްކޮށްދިން ބޯޅަ، މެއިން ކޮންޓްރޯލް ކޮށްލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް، ވިނީޝަސް ޖޫނިއަރ އެވެ.

އަދި ރެއާލަށް ލީޑު ފުޅާކޮށްދިން ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޯ އެސެންސިއޯ އެވެ. މިއީ ލިވަޕޫލްގެ ޑިފެންޑަރ، ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައިގެން އެސެންސިއޯ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަނަމަވެސް ދެޓީމުގެ ފަރާތުންވެސް ވަނީ ލަނޑެއް ޖެހުމަށް، ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ދެވަނަ ހާފާއި ލިވަޕޫލުން ކުރިމަތިލީ ފުރަތަމަ ހާފުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، ނަތީޖާއަށް ބަދަލެއް ގެނައުމުގެ އުންމީދުގައެވެ. އެގޮތުން މިހާފުގައި ލިވަޕޫލުން ވަރަށް ބޮޑުތަނުން ކުޅުން ރަނގަޅުކޮށްފައިވާއިރު އެޓީމުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރު ފޯވާޑް، މުހައްމަދު ސަލާހް އެވެ.

އެހެންނަމަވެސް ރެއާލް އިން ވަނީ އޭގެ 14 މިނެޓުފަހުން އިތުރު ލަނޑެއް ކާމިޔާބުކޮށް، އަނެއްކާވެސް ލީޑު ފުޅާކޮށްފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވިނީޝިއުސް އެވެ. މެޗުގައި ވިނީޝިއުން ކާމިޔާބުކުރި ފުރަތަމަ ލަނޑާއެކު އޭނާ ވެގެންގޮސްފައިވަނީ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ރެއާލް އަށް ލަނޑެއް ކާމިޔާބުކޮށްދިން ދެވަނައަށް އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. އެއީ 20 އަހަރާއި 268 ދުވަހުންނެވެ. ނޮކް އައުޓް މެޗެއްގައި ރެއާަލަށް ލަނޑެއް ކާމިޔާބުކޮށްދިން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އޮތީ އެޓީމުގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް، ރައުލް އަތުގައެވެ. ރައުލް ލަނޑުޖަހާފައިވަނީ 18 އަހަރާ 253 ދުވަހުންނެވެ.

ލަނޑު ޖެހުމަށްފަހު ވިނީޝިއުސް އުފާ ފާޅުކުރަނީ- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗު ކާމިޔާބުކޮށް ރެއާލް އިން ސެމީގެ އުންމީދު ބޮޑުކުރިއިރު، މި ދެޓީމު ވާދަކުރާ ދެވަނަ ލެގް އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ލިވަޕޫލުގެ ދަނޑުގައެވެ.