އަރބަން ފާމިން މަޝްރޫއުގެ ޓްރޭނިންގ ޕްރޮގްރާމް ފަށައިފިއެވެ.

އެޗްޑީސީން ބުނީ 'އަރބަން ފާމިންގ' ގެ ގޮތުގައި، ހުޅުމާލޭގައި ހުސްކޮށް ދޫކޮށްލައިފައިވާ ބިންތަކުގައި ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ދިރުއުޅޭ ފަރާތްތަތަކަށް ހުޅުވާލި ފުރުސަތުގައި ހޮވާލެވުނު 48 މީހަކަށް ބިން ހަވާލުކުރެވި މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ދެވޭ ހާއްސަ ޓްރޭނިންގ ސެޝަންތައް ވަނީ ރަސްމީކޮށް ފަށާފައި ކަމަށެވެ.

މި ސެޝަންގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ޙާއްސަ ސަފީރު ކެއިކޯ ޔަނައި އަދި ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓޭޓިވް އަކިކޯ ފުޖީ ވަނީ ބައިވެރިވެވަޑައި ގެންފައެވެ.

ޖަޕާންގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ހިންގާ"ކޮމިއުނިޓީ އަރބަން ފާމިންގ" މަޝްރޫއުއަކީ ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފް އެމްއެސްއެމްއީސް" (ސީޑްސް) މަޝްރޫއުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގްރާމްގެ އެއް ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ އަންހެނުން ބާރުވެރި ކުރުވުމުގެ އިތުރުން، މުޖްތަމައުގައި އުޅޭ މީހުންގެ ތެރެއިން އަޅާލުން އެންމެ ބޮޑަށް ބޭނުންވާ "ވަލްނަރަބަލް" ފަރާތްތަކާއި، ކޮވިޑް-19 އާލަމީވަބާގެ ސަބަބުން މާލީގޮތުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މިމަޝްރޫއު މެދުވެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގު ފަހިކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ.

މާސްޓަރ ޕްލޭނެއްގެ ދަށުން ހުޅުމާލެ ތަރައްގީކުރެވެމުން ދާއިރު، މީހުން ދިރިއުޅޭ ސަރަޙައްދުތައް ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމަށް ނެއިބަރހުޑްތަކުގައި ގަސް ހެއްދުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅިގެން ދިއަ މުހިއްމު ފިޔަވަޅެެއްގެ ގޮތުގައި އެޗްޑީސީން ދެކެއެވެ.

އަރބަން ފާމިންގެ ގޮތުގައި ހުޅުމާލޭއިން ދޫކުރަން ކަނޑައަޅާފައިވާ 16 ޕްލޮޓްގައި ފުރަތަމަ ތިންމަސް ދުވަހު އެއްވެސް ކުއްޔެއް ނުނަގައި އެކަށީގެންވާ އެލަވަންސްއެއް ދިނުމަށް ހަމަޖެހިފައިވާއިރު ޕްރޮގުރާމުގެ ބައިވެރިންނަށް ދަނޑުވެރިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް، މެރިންގ ރިސާރޗް އެންޑް އެގްރިކަލްޗަރ، އިން ހިންގާ މިޓްރެއިނިންގގައި ބައިވެރިވުމަކީ މިހާރު ގަސް ހައްދާ ބެލެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭ މަޢުލޫމާތު ލިބިގެންދާނެ ތަމްރީނު ޕްރޮގުރާމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.