މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ފިލް ފޯޑެން ކާމިޔާބުކޮށްދިން ލަނޑުން، ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗަސްޓަރ ސިޓީން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް، ސެމީގެ އުންމީދު ބޮޑުކޮށްފިއެވެ.

ސިޓީގެ އެތިހާދް ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފޯރިގަދަ، ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ދެޓީމުގެ ފަރާތުންވެސް، ލަނޑުޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ސިޓީން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. 19 ވަނަ މިނެޓުަގައި، ރިޔާދް މަހްރޭޒްގެ އެހީތެރިކަމާއިއެކު މިލަނޑު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާއެވެ.

ގިނަ ހަމަލާތަކެއް ފެނިގެންދިޔަނަމަވެސް މިހާފުގައި އިތުރު ލަނޑެއް ފެނިގެން ނުދާއިރު، ޑޯޓްމަންޑް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަމިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު އުންމީދީ ފޯވާޑް، އާލިންގ ބްރައުޓް ހާލަންޑްގެ އެހީތެރިކަމާއިއެކު ކާމިޔާބުކޮށްދިނީ މާކޯ ރެއުސްއެވެ. ފިލް ފޯޑަން މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހުމިނެޓުގައެވެ.

މި މޮޅާއެކު ސިޓީން ސެމީގެ އުންމީދު ބޮޑުކުރިއިރު މެޗަށްފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗް، ޕެޕް ގާޑިއޯލާ ބުނީ، އެއްވަރު ވުމަށްވުރެ މެޗުން މޮޅުވުން ރަނގަޅު ކަމަށާއި، ދެވަނަ ލެގުގައި ޑޯޓްމަންޑުގައި މެޗު ކުޅެންދާނީ މެޗުން މޮޅުވުމަށް ކަމަށެވެ. އަދި ފުރަތަމަ ހާފުގައި ކުޅުންތެރިންނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް، ދެވަނަ ހާފުގައި ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަންވެސް ގާޑިއޯ ހާމަކުރިއެވެ.

މިދެޓީމު ވާދަކުރާ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގު ކުޅޭނީ މިމަހުގެ 14 ވަނަ ދުވަހު ޑޯޓްމަންޑުގައެވެ.