މިއަހަރުގެ ރަމަޟާން މަހު ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ، ފަގީރުންނަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުނަށް އެކެނިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާގެ ސަރުކާރުުން ހަދިޔާކޮށްފައިވަނީ 25 ޓަނު ނުވަތަ 12،500 ޕެކެޓް ކަދުރެވެ.
ކަދުރު ބަހާނެ މީހުން:
- 2020 (1441) ވަނަ އަހަރު ފަކީރުންގެ ދަފްތަރުގައި ހިމެނިފައިވާ 10,944 މީހުން
- ކުޑަކުދިންގެ ހިޔާ
- ފިޔަވަތި
- ކ. ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު
- މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކަށް
ކަދުރު ބަހާނީ 1441 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ފަގީރަކަށް 1 ޕެކެޓް ކަދުރުދޭ އުސޫލުންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަޤީރުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ،މާލެ ސިޓީ ކައުންސިލް ގުޅިގެން އިސްލާމީ މަރުކަޒުގައެވެ.
ކަދުރުބެހުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖޭގެ އެހެން ސިޓީތަކުގައި ކަދުރު ބަހާނީ، އެ ސިޓީ ކައުންސިލަކުން ކަނޑައަޅާ ގޮތެއްގެމަތިން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެެވެ.
ރަށްރަށަށް ކަދުރު ބަހާނީ، އިސްލާމިކް މިނިސްޓްރީން ކައުންސިލްތަކަށް ކަދުރު ހަވާލުކުރުމުން، ކައުންސިލުތައް މެދުވެރިކޮށެވެ.
ރަށްރަށަށް ކަދުރު ގެންދިޔުމަށްޓަކައި ކުރަންޖެހޭ ދަތުރުފަތުރުގެ އެންމެހާ ޚަރަދުތަކާއި ނާލު ދައްކަންޖެހޭނީ ކައުންސިލްތަކުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް ކަދުރު ހަވާލުކުރަމުންދާއިރު، މީގެކުރީގެ އަހަރުތަކުގައި ސައުދީގެ ފަރާތުން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައި ވެއެވެ.