އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

މި ބިލު މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުން މެމްބަރު އާޒިމް ވިދާޅުވީ، މި ބިލުގެ މައިގަނޑު މަގްސަދަކީ ސަރުކާރުގެ ފަރާތުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންގެ ދަށުން ރާއްޖެގައި ވިޔަފާރި ކުރުމަށް ފަސޭހަކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ރެވެނިއު ސްޓޭމްޕް ޖެހުމަކީ ވިޔަފާރިތަކަށް ދަތިކަމަކަށްވުމުން ދައުލަތުގެ އެކިއެކި އިދާރާތަކަށް ފައިސާ ދެއްކުމުގެ ފަސޭހަ އެހެން އާލާތްތަކެއް ތައާރަފް ކުރެވިފައިވުމާއެކު އެ އިންތިޒާމުން ލިބޭ އާމްދަނީ ދަށްވަމުންދާތީ ސްޓޭމްޕް ޕްރިންޓް ކުރުމަށް ޚަރަދުތަކެއް ހިނގާތީ ކަމަށެވެ.

މި ބިލުގެ ސަބަބުން ދައުލަތުން ޚަރަދަށް ކުރާނެ އަންދާޒާ ބިލުގައި ހިމަނާފައިވާނޭކަން ފާހަގަކުރައްވާ މެމްބަރު ވިދާޅުވީ މި ބިލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަންދާޒާވެސް ބިލުގައި ހިމަނާފައި ވާނެ ކަމަށެވެ.

މި މަސައްކަތަކީ ވިޔަފާރިވެރިންނަށާއި އާދައިގެ އެހެނިހެން ކަންތައްތަކުގަ ރާއްޖޭގެ ޚިދުމަތްތަކަށް އެދޭ މީހުންނަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ހުށަހަޅާ ބިލެއް ކަމަށްވެސް މެމްބަރު އާޒިމް ވިދާޅުވިއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މާޗު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ފުރަތަމަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ.

ރާއްޖޭގައި ޕޯސްޓު އޮފީހެއް ހުޅުވީ 1904 ވަނަ އަހަރުގައެވެ.