މީރީ ޕްރޮޖެކްޓްގެ ފަރާތުން "ފިޗް-އަޕް: ޔޫތު އެންޓްރޮޕްރިނުއަރޝިޕް ޗެލެންޖް" ފަށައިފިއެވެ.

މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން އިފްތިތާހުކޮށްދެއްވި މި މުބާރާތަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި ޓެކްނިކަލް ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރީގެ ހުނަރުތައް ތަރައްގީ ކުރުމުގެ މަގުސަދުގައި މީރީ ޕްރޮޖެކްޓުގެ ފަރާތުން ކުރިޔަށް ގެންދާ މުބާރާތެކެވެ.

އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިފަވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން ގެންދާ ހުރިހާ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު މި ޕްރޮގްރާމުގައި ވަނީ ހުޅުވާލާފައި ކަމަށް މި ޕްރޮގްރާމް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ.

މި ބުރާތުގައި އައު ވިޔަފާރީގެ އުފެއްދުންތެރި ޚިޔާލާއި، ވިސްނުންތައް ހުށަހަޅާ އެކަންކަން ފަށައިގަތުމަށް ޒުވާނުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވޭއިރު ހުށަހަޅާ ޚިޔާލުތަކަށް ބިނާކޮށް ގިނަވެގެން 40،000 ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ޚިޔާލުތައް ހުށަޅުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ ފަތުރުވެރިކަމާއި ގުޅޭ އުމްރާނީ މަސައްކަތް އަދި އައިސީޓީގެ އިތުރަށް ދަނޑުވެރިކަމެވެ.

އެކި ފިޔަވައްސަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ފުރަތަމަ ފިޔަވަހީގައި އޮތީ ބައިވެރިންގެ ހިޔާލު ހުށަހެޅުމެވެ.

އެއަށް ފަހުގައި ބޫޓްކޭމްޕް ތަމްރީން ފުރިހަމަ ކުރާ ފަރާތްތަކަށް ފައިނަލް ޕްރޮޖެކްޓެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އޭގެ ފަހުގައި ބައިވެރިންގެ ފަރާތުން ހުށަހެޅުނު ޚިޔާލުތައް ޖަޖުންގެ ޕެނަލެއްގައި ޕިޗް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޖަޖުންގެ ޕެނަލް އެކުލަވާލެވިފައި ވަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ޖަޖުންވެސް ހިމެނޭ ގޮތަށެވެ.

މި ޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް ގުޅިގެން ވޯރލްޑް ބޭންކުގެ އެހީގައި ހިންގާ 20 މިލިއަން ޑޮލަރުގެ 5 އަހަރު ދުވަހުގެ މަޝްރޫއެކެވެ.