ކޮރަޕްޝަން ފަދަ ކަންްކަން ހުއްޓުވުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނާއި ވަޒީފާއާބެހޭ ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، މިސަރުކާރަކީ އަބަދުވެސް ކަރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރެއް ކަމަށާއި، ސަރުކާރު ވެރިކަމަށް އައީ އެ ވައުދާއެކު ކަމަށެވެ.
ރާއްޖޭގައި ކަރަޕްޝަންގެ ވަބާ އަށަގަނެފައިވާ މިންވަރަށް ބަލާއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ފިލުވާލުމަކީ ނާދިރު ކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް މިއަދު ތައާރަފްކުރި ޕޮލިސީތައް ފަދަ ޕޮލިސީތަކާއެކު ވަގު ހިފޭނެ މެކޭނިޒަމްތައް ޤާއިމު ވެގެންދާނެ ކަމަށާއި، ކޮރަޕްޝަންފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތައްވެސް އެކަންތައްތައް ކުރަން ދެން ޖެހިލުންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްޓޭޓް އިންޓާރނަލް އޮޑިޓް ކޮމެޓީ އުފައްދާ މަސައްކަތް ވާނީ ފުޅާކޮށްފައި ކަމަށެވެ.
ބީލަމުގެ މައްސަލަ ބަލާ ކޮމެޓީއާ މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދައި ބޮޑެތި ބާރުތަކެއް ވާނީ ދީފައި ކަމަށާއި، އެއާއެކު މިއަދު އެކޮމެޓީތަކަށް އެތައް މައްސަލައެއް ހުށަހެޅި އެދަނީ ބަލަމުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭސީސީ އާއި އޮޑިޓަރ ޖެނެރަލް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދެވިފައި ވާކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވަނީ، އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރައްވާފައިވާ ފައިސާގެ މުއާމަލާތްތައް އަނބުރާ ދައުލަތަށް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކާ އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ މައްސަލަ ހުށަހެޅޭނެ ފަސޭހަ ނިޒާމުތަކެއް ޤާއިމުވެފައި ހުރުން ކަމަށެވެ.
އޭސީސީއަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ވިސިލް ބްލޯ ކުރާނެ ނިޒާމެއް ރައީސް އޮފީހުންވެސް ވަނީ ޤާއިމުކޮށްފައިވާ ކަމަށާއި، އެގޮތަށް ހުށަހެޅޭ މައްސަލަތައް އޭސީސީއަށާއި ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީއަށް ފޮނުވައިގެންވެސް ބަލަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.
ދައުލަތުގެ ފައިސާއެއް ގެއްލިއްޖެނަމަ އެކަމާ އެންމެ ބޮޑަށް ހިތާމަކުރާނެ އެކަކީ އެމަނިކުފާނުކަން ފާހަގަކުރައްވާ މިނިސްޓަރު އަމީރު ވިދާޅުވީ، މިފަދަ ކަންތައްތައް ހުއްޓުވަން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެކަމަށެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ކުންފުނިތަކުގެ ނިޒާމުތައް ހަރުދަނާ ކުރުންކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ދެފުށް ފެންނަ ޕްރޮކިއުމަންޓް ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާއިރު ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަށް އުސޫލުތައް ޤާއިމުކުރުމަކީވެސް ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއްކަމަށެެވެ.
މިކަންތައްތައް ފުރިހަމަ ގޮތުގައި ތަންފީޒުވެގެން ދިޔުމުން ކުންފުނިތަކުގެ މުޅި ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކްގެ ސަބަބުން ކުންފުނިތަކުގެ މުވައްޒަފުންނަށް ހެދިފައިވާ އުސޫލް އިތުރަށް ހަރުދަނާވެ، ޚިދުމަތް ފުރިހަމަ ގޮތުގައި ދިނުމަށް ބާރު އެޅިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މުވައްޒަފުން ނެގުމުގައާއި މުވައްޒަފުންނަށް ކުރިއެރުން ދިނުމުގައި މިފްރޭމްވޯކްގައި ފާހަގަކޮށްފައިވާ މަޤާމުގެ ޝަރުތުތަކަށް ކުންފުނިތަކުން އަމަލު ކުރަން ފެށުމުގެ ސަބަބުން މުވައްޒަފުންނަށް އިންސާފުވެރިގޮތަކަށް އަމަލު ކުރެވޭނެ ކަމަށެެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ގައިޑްލައިނަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަޝްރޫޢޫތައް ހިންގުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އާ އުސޫލެވެ.