އެންބީއޭ ބާސްކެޓްބޯލް މުބާރާތުގައި މިލްވާކީ ބަކްސް އަތުން ގޯލްޑަން ސްޓޭޓް ވޮރިއާސް މޮޅުވެއްޖެއެވެ.

މިމެޗު ވޮރިއާސް އިން ކާމިޔާބުކުރީ 122 ޕޮއިންޓް، 121 ޕޮއިންޓުންނެވެ. މިއީ ވިދިވިދިގެން ތިން މެޗުން ބަލިވުމަށްފަހު އެޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުގައި ވޮރިއާސް އިން އެންމެ ރަނގަޅަށް ކުޅުނީ ކެރިއަރުގައި ދެފަހަރަށް އެންބީއޭގެ އެމްވީޕީ ކަން ހޯދާފައިވާ ސްޓެފަން ކަރީއެވެ. އޭނާ ވަނީ މެޗުގައި 41 ޕޮއިންޓް ހޯދާ، ހަ ރީބައުންޑް ނަގަައިދީ ހަތަރު އެސިސްޓް ކޮށްދީފައެވެ. އަދި ބަކްސް އަށް އެންމެ ރަނގަޅަށް ކުޅެދިނީ މެޗުގައި 29 ޕޮއިންޓް ހަދައިދީ، ތިން ރީބައުންޑް ނަގާ ފަސް އެސިސްޓް ކޮށްދިން ޖްރޫ ހޮލިޑޭ އެވެ.

ބަކްސް އާއި ވޮރިއާސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުގެ ދެވަނަ ހާފުގައި ކަރީ 30 ޕޮއިންޓް ހަދާފައިާއިރު ވޮރިއާސް މެޗުން މޮޅުވީ، ބަކްސް އިން 10 ޕޮއިންޓުގެ ލީޑެއްގައި އޮއްވާ ފަހު ހަތަރު މިނެޓުގެ ތެރޭގައި އެއަށްވުރެ ގިނައިން ޕޮއިންޓު ހޯދައިގެންނެވެ. ވޮރިއާސް އަށް ފާއިތުވީ އަށް ގޭމުން ހަތް ޕޮއިންޓް ގެއްލިފައިވާއިރު، ވެސްޓާން ކޮންފަރެންސް ގައި އެޓީމަށް ލިބެނީ 10 ވަނައެވެ.

މީގެއިތުރުން ވޮރިއާސް ޕްލޭއޮފް ޕޮޒިޝަންގައި އޮތް އިރު، އެޓީމުން މިސީޒަނުގައި ވަނީ 27 މެޗުން މޮޅުވެ، 24 މެޗުން ބަލިވެފައެވެ. ޕްލޭއޮފް ގައި ވާދަކުރާނީ ކޮންމެ ކޮންފަރެންސް އެއްގެ 10-7 މަގާމުގައި ހުރި ޓީމުތަކުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކަރީ ބުނީ މިއީ ހޯދަން ވަރަށް ބޭނުންވި މޮޅެއް ކަމަށާއި، ހޯދުނު މޮޅާއެކު އަމިއްލަ އައިޑެންޓިޓީއެއް ހޯދުމަށް ބޭނުންވާ ޔަގީންކަން ލިބިއްޖެކަމަށް ގަބޫލްކުރާކަން އޭނާ ފާހަގަކުރިއެވެ.