އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ޓޮރޮންޓޯ ރެޕްޓާސް އަތުން އެންމެ ފަހުގެ ޗެމްޕިއަން ލޮސް އޭންޖަލިސް ލޭކާސް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލޭކާސް މޮޅުވީ 110 ޕޮއިންޓް 101 ޕޮއިންޓުންނެވެ.

މެޗުގައި ލޭކާސް އަށް އެންމެ ރަނގަޅަށް ކުޅުނީ މެޗުގައި 17 ޕޮއިންޓް ހޯދާ، ހަ އެސިސްޓް އަދި ހަތަރު ރީބައުންޑް ނަގައިދިން ޓެލެން ހޯޓަން ޓަކާއެވެ. މެޗުން ބަލިވި ރެޕްޓާސް އިން އެންމެ މޮޅު ކުޅުމެއް ދެއްކީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ، 7 ރީބައުންޑް ނަގާ ދެ އެސިސްޓް ކޮށްދިން ޕަސްކަލް ސިއަކަމް އެވެ.

ލޭކާސް މެޗުން މޮޅުވިއިރު ފުރަތަމަ ކުއާޓާ އެޓީމުން ކާމިޔާބުކުރީ 40 ޕޮއިންޓް 28 ޕޮއިންޓެވެ. އަދި ދެވަނަ ކުއާޓާގައި ލޭކާސް އިން 28 ޕޮއިންޓު ހޯދިއިރު ރެޕްޓާސް އަށް ހޯދުނީ އެންމެ 14 ޕޮއިންޓެވެ. ތިންވަނަ ކުއާޓާ ލޭކާސް އިން ކާމިޔާބުކުރީ 8 ޕޮއިންޓުގެ ތަފާތުންނެވެ. އަދި މެޗުގެ ފަހު ކުއާޓާގައި ރެޕްޓާސް އިން މޮޅު ކުޅުމެއް ދެއްކިއިރު އެޓީމު މިކުއާޓާ ކާމިޔާބުކުރީ 31 ޕޮއިންޓް 20 ޕޮއިންޓުންނެވެ.

މެޗު ކާމިޔާބުކުރި ލޭކާސް އޮތީ ވެސްޓާން ކޮންފަރެންސް ތާވަލުގެ ފަސްވަނައިގައި 32 މެޗުން މޮޅުވެގެންނެވެ. އަދި ލޭކާސް އަތުން ބަލިވި ރެޕްޓާސް އޮތީ އީސްޓާން ކޮންފަރެންސްގެ ތާވަލުގެ 11 ވަނައިގައި 20 މޮޅާއެކުގައެވެ.

މީގެއިތުރުން މިމުބާރާތުގައި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރިމެޗް 106 ޕޮއިންޓް 96 ޕޮއިންޓުން ކާމިޔާބުކުރީ ސިކްސާސްއެވެ. މިމެޗްގައި ސިކްސާސްގެ ޖޮއެލް އެމްބިޑްވަނީ އެޓީމަށް 35 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާފައެވެ. މިއީ އަނިޔާއިން އެނބުރި އައިސް އެމްބިޑް ކުޅުނު ދެވަނަ މެޗެވެ. މިމެޗްގައި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެޓީމަށް 20 ޕޮއިންޓް ހޯދައިދިން ޖޭސަން ޓަޓުމްއެވެ.

ސިކްސާސް އޮތީ އީސްޓާން ކޮންފަރެންސްގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 35 މޮޅާއެކުގައެވެ. އަދި ސިކްސާސް އަތުން ބަލިވި ސެލްޓިކްސް އަށް ތާވަލުގެ އަށްވަނަ ލިބެނީ 25 މޮޅާއެކުގައެވެ.