ޞިއްހީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގައި ދާއިމީ ކަރަންޓީން ފެސިލިޓީތައް ގާއިމްކުރާނެކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާޞަބަތުގައި ދެއްވި ޚިޠާބުގައެވެ.

ހެލްތް މިނިސްޓަރު ވިދާޅުވީ، ޤައުމެއްގެ ތަރައްޤީއާއި ކުރިއެރުން ބިނާވެގެންވާ އެންމެ މައިގަނޑު އެއް އަސާސަކީ އެ ޤައުމެއްގެ ރައްޔިތުންގެ ޞިއްހީ ދުޅަހެޔޮކަންކަމަށެވެ.

ސަރުކާރުން މިހާތަނަށް ޞިއްހީ ޚިދުމަތުގެ ނިޒާމުތަކަށް ގެނެސްފައިވާ ބަދަލުތަކާއި، ވަކިން ޚާއްސަކޮށް އަތޮޅުތެރެއަށް އަމާޒުކޮށްގެން ރޭވާފައިވާ ޞިއްހީ ފަރުވާގެ ބޮޑެތި މަޝްރޫއުތަކަކީ، މިހާތަނަށް ރާއްޖެ މި ދާއިރާގައި ދެކެފައިނުވާފަދަ އިންޤިލާބީ ކުރިއެރުންތައް ގެނުވައިދޭނޭ ކަންކަންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށް ބަލާ އިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، އެއީ ޚަރަދުބޮޑު އުނދަގޫ ކަންކަން ކަމުގައިވީނަމަވެސް ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ޞިއްހީ ޚިދުމަތްތަކުގެ ތަފާތުތަށް ވަރަށްބޮޑަށް ކުޑަކޮށް ޞިއްހީ ފަރުވާއަށް މާލެއަމަށް ބަރޯސާވާންޖެހޭ މިންވަރު ދައްކުރުންކަމަށެެވެ.

މިގޮތުން އެންމެ އުއްމީދީ ބަދަލުތައްގޮތުގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އަތޮޅުތެރޭގެ ސަރަހައްދީ 5 ހަސްފަތާލުގެ "އޮޕްޓިމައިޒޭޝަން" މަޝްރޫއުގެ ދަށުން ގާއިމްކުރުން ހިމެނޭކަމަށެވެ. މި ހަސްފަތާލުތަކުގައި މުޅިން އަލަށް ފަށާ ޚާއްސަ ފަރުވާގެ ޚިދުމަތްތަކާ، ތަހުލީލުކުރުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމާ އިންސާނީ ވަޞީލަތްތައް އިތުރުކުރެވިގެންދާނެކަަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

އިމަރޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީ މުޅި ރާއްޖޭގައި އިމަރޖެންސީ އަވަސްފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް، މިކަމުގެ ފަންނީ ޚިދުމަތްތެރިން ތަމުރީނު ކުރެވޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެެވެ.

12 ރަށެއްގެ ޞިއްހީ މަރުކަޒުތައް އިތުރު ޚިދުމަތްތަކާ ވަޞީލަތްތަކާއެކު، ހަސްފަތާލުގެ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެކަމަށާއި، މީގެ އިތުރުންވެސް ހެލްތު ސެންޓަރުތަކާ ހަސްފަތާލުތަކުގެ އާބާތުރަފިލުވާ އުމުރާނީ ތަރައްޤީތައް ގެންނާނެކަމަށްވެސް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކެންސަރަށް ފަރުވާދެވޭ ފުރިހަމަ ޤައުމީ މަރުކަޒެއްވެސް ފުރަތަމަ ފަހަރަށް ޤާއިމުކުރާނެކަމަށެވެ.

ރައްޔިތުންނާއި ގާތުން ޞިއްހީ ޚިދުމަތްދީ ޞިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ޞިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ޕްރައިމަރީ ހެލްތުކެއަރގެ އައު މަޝްރޫއެއް މުޅި ޤައުމުގައި ފެށިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރ ގެ ވިސްނުމަކީ، ހެލްތު ކެއަރ ވޯރކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށުފެންވަރުގައި، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދީ، ބަލިވުމުން ޞިއްހީ މަރުކަޒަށް އައުމުން ފަރުވާ ދިނުމަށްވުރެ، ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތްކޮށް، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުންކަމަށެވެ.

ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް ކޮރޯނާ ވައިރަސް އާއި އަދި މިނޫންވެސް ޤައުމީ ވެކްސިން ޕަރޮގްރާމްގެ ތެރެއިން ދޭ ވެކްސިންތައް ކަށްވަރުކުރެވިގެންދާނެކަމަށާއި، ޞިއްހީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ޤާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުންކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް އިޖާބައިގެ ތެރެއިން އަދި ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކުރެވިފައިވާ ޒާތީ ޞިއްޙީ މަޢުލޫމާތުތައް ޑިޖިޓަލް ޑޭޓާބޭސްތަކުގައާއި މިފަދަ އެހެނިހެން ޕްލެޓްފޯރމްތަކުގައި ރައްކާތެރިކަމާއިއެކު ބަލަހައްޓާ، މި މައުލޫމާތުތަކުގެ އަލީގައި ރައްޔިތުންނަށް ދޭ ޞިއްހީ ޚިދުމަތްތަށް އިތުރަށް ތަރައްޤީ ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.