ކޮވިޑްގެ ހާލަތާއި ގުޅިގެން ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ދިން އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް މިކަމަށް ޝުކުރު އަދާކުރެއްވީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖަންގް ލީ ޖޮންގް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި ވަދާއީ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮވިޑްގެ ހާލަތާއި ގުޅިގެން ޗައިނާއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ވެދެއްވި އެހީތެރިކަމާއި ރާއްޖޭގައި ގިނަ ބަޔަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދިނުމުގެ ގޮތުން ޗައިނާއިން "ސިނޮފާރމް" ވެކްސިންގެ ދެ ލައްކަ ޑޯޒް ހަދިޔާކުރައްވާފައިތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސަފީރު، އެ މަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރުވެސް އަދާކުރައްވާފައެވެ.
ޗައިނާގެ ސަފީރު ވަނީ ދިވެހިރާއްޖެއާއި، ޗައިނާއާ ދެމެދު އޮތް ޚާރިޖީ ގުޅުމާއި ދެގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގާފައިވާ އަދި، ހިންގަމުންދާ މަޝްރޫއުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ ރާއްޖޭގެ އިޖްތިމާއީ އިގްތިސާދީ ތަރައްގީގެ ދާއިރާއާއި، ސިއްހީ ދާއިރާ އަދި އެހެންދާއިރާތަކުގެ ތަރައްގީއަށް ދެ ގައުމުން ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަފީރަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
އަދި، މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ކުރިމަގުގައި އިތުރު ދާއިރާތަކުން ބަދަހިވެ ކުރިޔަށް ދިއުމަށް އެދިވަޑައިގެންފައެވެ.