ދީބާޖާއަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއްގެ ފައިސާދެއްކުމަށް ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު 2010 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން 2018 ގައި ބާތިިލްކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުން 2019 ގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފަ އެވެ.

ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި އަދަދު ބޮޑުވެ އެކަމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އެކި ގޮތްގޮތުން އަމާޒުވެފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސެޓްލްމަންޓު ކޮމިޓީއެއް އުފައްދަވައި، ސަރުކާރުން ދީބާޖާއާއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް ދިޔައެވެ.

އެއްބަސްވުމުގައި އޮތީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

އެހެންނަމަވެސް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްފައިވާއިރު، ހުކުމުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން ހައިކޯޓުގެ ނިންމުން ކުރިން ބާތިލުކޮށްފައިވަނީ އިސްތިއުނާފްގެ މުއްދަތު ހަމަވެފައި ވަނިކޮށް މައްސަލަ ހުށަހެޅުމުން ކަމަށާއި، އިސްތިއުނާފް ކުރުން ލަސްވީ ދައުލަތުގެ އިހުމާލުން ކަމަށްވާއިރު އެއީ މަގުބޫލު އުޒުރެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ދީބާޖާ އަށް ބަދަލެއް ދޭންޖެހޭ ކަންވެސް ނުވަަތަ ދޭން ނުޖެހޭ ކަންވެސް ކުރީގެ ހުކުމުގައި އެއްވެސް ގޮތަކަށް ނިންމާފައި ނެތް ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ، ހައިކޯޓަށް މައްސަލަ ބަލައިގަނެފައިވަނީ މުއްދަތު ހަމަވި ފަހުން ކަމުން އެ ކޯޓުން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ގޮތުގައި ކަނޑައަޅާ ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށާއި ހައި ކޯޓުގެ ހުކުމުގެ ސައްހަކަމާ މެދު މި މައްސަލައިގެ ތެރެއިން ގޮތެއް ނުނިންމޭނެ ކަމަށެވެ.

ކުރީގެ ހުކުމް ބާތިލް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ހައި ކޯޓުން ދީބާޖާއާ ދެކޮޅަށް ކުރި ހުކުމް ދެމެހެއްޓޭނެ ކަމަށް ހުކުމުގައިވެއެވެ. އެހެންކަމުން ހައި ކޯޓުގެ އެހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ދީބާޖާއަށް 15 ދުވަހުގެ ފުރުސަތެއް ލިބޭނެ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.