އޭއެފްސީ ކަޕް ކޮލިފައިންގ ގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ ބައްދަލުކުރި މެޗް، ވާދަވެރި ކުޅުމަކަށްފަހު އީގަލްސް އިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު އީގަލްސް ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

މެޗާއި އީގަލްސް ކުރިމަތިލީ އެޓީމަށް ކުޅޭ ރަޝިޔާގެ އިތުބާރު ފޯވާޑް، ވްލަޑިސްލާވް ކޮރްމިޝިން ނުލައެވެ. އެއީ މެޗުގެ ކުރިން ކުރި ފަރިތަކުރުންތަކުގައި އޭނާއަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ.

ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއްދައްކާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާއިރު އީގަލްސްގެ ފުރަތަމަ ލަނޑު މެޗުގެ ނުވަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. މިއީ ނާއިފް އޭރިއާ ތެރެއަށް ވަރަށް ރީތިކޮށް ހުރަސް ކޮށްދިން ބޯޅައެއް ގޯލްގެ ތެރެއަށް ވައްދާލައިގެން ހަންނަ ކާމިޔާބުކުރި ލަނޑެކެވެ.

އީގަލްސް އާއި ތިމްޕޫ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

ލަނޑަށްފަހުވެސް އީގަލްސް އިން ރަނގަޅު ހަމަލާތަކެއް އުފައްދާފައިވާއިރު ތިމްޕޫ ސިޓީ އެފްސީންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް މިހާފުގައި އިތުރު ލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އީގަލްސް އިންނެވެ. އެގޮތުން އެޓީމުން ވަނީ ބޮޑަށް އެޓޭކިންގ ގޭމެއް ކުޅެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އީގަލްސްގެ އޮސާމާ ތަނަވަސްކޮށްދިން ފުރުސަތަކުން އިމްރާން ޑީ އޭރިއާ ބޭރުން ފޮނުވާލި ނަމަވެސް، ތިމްޕޫގެ ކީޕަރު ވަނީ ބޯޅަ ދިފާއުކޮށްފައެވެ.

ތިންޕޫ އިންވެސް ވަނީ އޭގެ ދެމިނެޓުފަހުން ނުރައްކާތެރި ހަމަލާއެއް އީގަލްސްގެ ގޯލާ އަމާޒުކޮށް ފޮނުވާލާފައެވެ. އެހެންނަމަވެސް އަރިމަތިން ތިމްޕޫގެ ކިންގާ ނަގައިދިން ހުރަސް މުޅިން ހުސްކޮށްހުރެ ޔެޝީ ފޮނުވާލި ނަމަވެސް އީގަލްސްގެ ކީޕަރު، ތާހާ ވަނީ ވަރަށް ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

މެޗުގެ ކުރިން ތިމްޕޫގެ ކޯޗް ވަނީ ރާއްޖޭގެ ފިނިހޫނުމިނަށް އެޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށް ބުނެފައެވެ. އެގޮތުން ރާއްޖެ އައުމުގެ ކުރިން އެޓީމުން އިންޑިއާގައި ކޭމްޕް ކުރިނަމަވެސް މެޗުގެ ދެވަނަ ހާފުގައި އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔައެވެ.

މެޗުގައި މޮޅުކުޅުމެއް ދައްކާ ރަނގަޅު ފުރުސަތުތަކެއް އީގަލްސް އަށް ތަނަވަސްކޮށްދިން އޮސާމާއަށްވަނީ މެޗުގެ 70 ވަނަ މިނެޓުގައި އަނިޔާވެގެން ބާލާފައެވެ. އޭނާގެ ބަދަލުގައި ކުޅެން އަރާފައިވަނީ މިފަހަރުގެ ޓްރާންސްފަރ ވިންޑޯގައި އީގަލްސް އާއި ގުޅުނު އިތުބާރު މިޑްފީލްޑަރ، އަދި މިހާރުގެ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، އަސްހަދު އަލީ (އަޑުބަރޭ) އެވެ.

އީގަލްސް އިން ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ހިލޭޖެހުމަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިމް އެވެ.

މި މެޗުން އީގަލްސް މޮޅުވެފައިވާއިރު ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.