ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގައި، ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ތަފާތު ދައްކާ ޕީއެސްޖީއަށް ސެމީ ފައިނަލުގެ އުންމީދު ބޮޑުކޮށްދީފިއެވެ.

ބަޔާންގެ ދަނޑުގައި ކުޅުނު މިމެޗު ޕީއެސްޖީން ކާމިޔާބުކުރި 2-3 ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން މިދެޓީމު މިމުބާރާތުގައި ވާދަކުރީ ފާއިތުވީ ސީޒަނުގައި މުބާރާތުގެ ފައިނަލްގައެވެ. އެމެޗު 0-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބަޔާން މިއުނިކެވެ.

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ރޭގެ މެޗުގައި ޕީއެސްޖީ އާއި ބްރެޒިލްގެ ތަރި ނޭމާ ފެނިގެންގޮސްފައިވާއިރު، އޭނާގެ އެހީތެރިކަމާއެކު ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގައި ލީޑުނަގާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. އަދި ޕީއެސްޖީން ލީޑު ފުޅާކުރި ލަނޑު، ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި މާކީނިއޯސް ވެސް ކާމިޔާބުކުރީ ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

އަނިޔާގެ މައްސަލައަކާއި ހެދި ބަޔާންގެ އެންމެ މުހިންމު ކުޅުންތެރިޔާ، ރޮބާޓް ލެވަންޑޮސްކީގެ އިތުރުން ކޮވިޑް-19 އަށް ފައްސިވުމާއި އެކު މެޗުގައި އެޓީމުގެ އިތުބާރު މިޑްފީލްޑަރ، ސާޖް ގްނަބްރީ އަށް މެޗުގައި ބައިވެރިއެއް ނުވެވުނެވެ. ބަޔާން އިން މެޗުގައި ފުރަތަމަ ފަހަރަށް ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކުރީ 37 ވަނަ މިނެޓުގައެވެ. ބެންޖަމިން ޕަވާޑް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެރިކް މެކްސިމް ޗޮޕޫ-މޯޓިންނެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ހުރަސް ކޮށްދިން ބޯޅައަކުން ތޯމަސް މުލާ ވަނީ ލަނޑެއް ޖަހައި، ބަޔާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އެހެންނަމަވެސް އޭގެ އަށް މިނެޓުފަހުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްދީ އަވޭގައި ޕީއެސްޖީ މޮޅުކޮށްދީފައެވެ. މިއާއެކު މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެމްބާޕޭ ޖެހި ލަނޑުގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މި އަށް ލަނޑާއެކު އޭނާ އޮތީ ޗެމްޕިއަންސް ލީގުގެ ލަނޑު ލިސްޓުގެ ދެވަނައިގައެެ. މި ލިސްޓުގެ އެއްވަނައިގައި 10 ލަނޑާއެކު އޮތީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ އުންމީދީ ފޯވާޑް އާލިންގ ބްރައުޓް ހާލަންޑެވެ.

އަވޭގައި ހޯދި މޮޅާއެކު ޕީއެސްޖީން ސެމީ އާއި ގާތަށް ޖެހިލިއިރު، މި ދެޓީމު ދެވަނަ ލެގު މިމަހުގެ 13 ވަނަ ދުވަހު ކުޅޭނީ ޕީއެސްޖީގެ ދަނޑުގައެވެ.