ހަތް އަހަރަށްފަހު ކްލަބް ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތް، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމާ ގާތަށް ޗެލްސީން ޖެހިލައިފިއެވެ.

އެގޮތުން މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ޗެލްސީން ވަނީ ޕޯޓޯގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މިއީ 2013/2014 ވަނަ އަހަރުގެ ސީޒަނަށްފަހު މި މުބާރާތުގެ ރައުންޑް އޮފް 16 ފަހަނަ އަޅާ ޗެލްސީ ކުއާޓަރ ފައިނަލް ވެސް ކުޅުނު ފުރަތަމަ ފަހަރެވެ.

ރަށުން ބޭރުގައި ކުޅެ ޗެލްސީ މެޗުން މޮޅުވިއިރު މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ޗެލްސީ ބަލިވެފައެއް ނުވެއެވެ. އަދި މީގެއިތުރުން ޗެލްސީގެ ކޯޗުކަމާއި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު، ތޯމަސް ޓުޗޭލް ހަވާލުވިފަހުން އަދި މިހާތަނަށް ޗެލްސީ ބަލިވެފައި ވަނީ އެންމެ މެޗެއްގައެވެ. އެއީ ޕްރިމިއަރ ލީގުގައި މިމަހުގެ ތިންވަނަ ދުވަހު ވެސްޓް ބްރަމް އާއި ދެކޮޅަށް ކުޅުނު މެޗުގައެވެ.

ޗެލްސީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޭސަން މައުންޓް އެވެ. މިއީ ޖޯޖީނިއޯ ދިން ޕާހަކުން މައުންޓް ކާމިޔާބުކުރި ލަނޑެކެވެ.

މެޗުގައި ޕޯޓޯއިންވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައި ވާއިރު ޕޯޓޯގެ ކުޅުންތެރިން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ސެޒާ އަޒްޕްލިކެޓާ އާއި ކީޕަރު އެޑޮއާޑް މެންޑީ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޗެލްސީން މެޗުގައި ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު ޕޯޓޯގެ ފަހަތުން ކޮރޯނާ ހެދި ގޯހެއްގެ ފައިދާ ނަގާ ކާމިޔާބުކޮށްދިނީ ބެން ޗިލްވެލްއެވެ.

ކޮވިޑް-19 ގެ ސަބަބުން އެޅިފައިވާ ޓްރެވަލް ރެސްޓްރިކްޝަން ސަބަބުން މި ދެޓީމު ކުއާޓާގައި ކުޅޭ ދެމެޗުވެސް ކުޅޭނީ ސްޕެއިންގައެވެ. އެގޮތުން މިއީ ޕޯޓޯގެ ހޯމް މެޗުގެ ގޮތުގައި ކުޅެވުނު މެޗެވެ. މި ދެޓީމު ވާދަކުރާ ދެވަނަ ލެގު އަދި ޗެލްސީގެ ހޯމް މެޗް ކުޅޭނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.