އިޓާލިއަން ލީގައި ބުދަ ދުވަހުގެރޭ ސަސުއޯލޯ އަތުން ހޯދި މޮޅާއެކު އިންޓާ މިލާނުން ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު އިންޓާ ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އިންޓާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޔަންގް ނަގައިދިން ހުރަސް ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ރޮމެރޫ ލުކާކޫ އެވެ. މިއީ މިސީޒަނުގެ ލީގުގައި ލުކާކޫ އިންޓާ މިލާނަށް ކާމިޔާބުކޮށްދިން 21 ވަނަ ލަނޑެވެ. އޭނާއަކީ އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގެ ދެވަނައިގައި އޮތް ކުޅުންތެރިޔާއެވެ. މިލިސްޓުގެ އެއްވަނައިގައި 25 ލަނޑާއެކު އޮތީ ޔުވެންޓަސްގެ ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ލުކާކޫގެ ލަނޑަށްފަހު ސަސުއޯލޯ އިން ކުޅުން ރަނގަޅުކޮށް، ނުރައްކާތެރި ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ކާމިޔާބުނުކުރެވިއެވެ.

ދެވަނަ ހާފުގައިވެސް ދެޓީމުގެ ކުޅުންތެރިންވެސް މޮޅު ކުޅުމެއް ދައްކާ ލަނޑުޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު ދެންވެސް ލަނޑެއް ކާމިޔާބުކޮށްފައި ވަނީ އިންޓާ އިންނެވެ. މިލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒް އެވެ. އެހެންނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް ހާމެދް ޓްރައޯރޭ ވަނީ ސަސުއޯލޯ އަށް ލަނޑެއް ކާމިޔާބުކޮށްދީ ފަރަގު ކުޑަކޮށްދީފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އިންޓައިން އަށް ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 29 މެޗުން 71 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ދެވަނައިގައި އޮތް ވާދަވެރި އޭސީ މިލާނަށް 29 މެޗުން ލިބެނީ 60 ޕޮއިންޓެވެ. އިންޓާ އަތުން ބަލިވި ސަސުއޯލޯ އަށް ތާވަލުގެ ނުވަވަނަ ލިބެނީ 29 މެޗުން 40 ޕޮއިންޓު ހޯދައިގެންނެވެ.