އިޓަލީގެ ޗެމްޕިއަން އަދި ޔޫރަޕް ފުޓުބޯޅައިގެ ގަދަ ބާރު، ޔުވެންޓަސްގެ ކޯޗު ކަމާއި ހަވާލުވި ފުރަތަމަ ސީޒަނުގައި ބޮޑެތި ގޯސްތަކެއް ހެދިއްޖެކަމަށް ގަބޫލުކުރާ ކަމަށާއި، އެހެންނަމަވެސް މި ގޯސްތަކުން ފިލާވަޅުތަކެއް ދަސްވެއްޖެކަމަށް އެޓީމުގެ ކޯޗު، ޕިރްލޯ ބުނެފިއެވެ.

ލީގުގައި ނާޕޯލީ އަތުން 1-2 އިން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ޕިރްލޯ ބުނީ މި ސީޒަނުގައި ގިނަ ގޯސްތަކެއް ހެދިއްޖެކަން ގަބޫލުކުރާ ކަމަށާއި، ދެވަނަ ފަހަރަށް އެގޯސް ތަކުރާރުވެސް ވެދާނެކަމަށެވެ. އެއީ ކުލަބެއްގެ ކޯޗުކަމާއި ހަވާލުވާ ފުރަތަމަ އަހަރަކީ ފަސޭހަ އަހަރަކަށް ނުވުން ކަމަށްވެސް ޕިރްލޯ ވަނީ ބުނެފައެވެ.

މީގެއިތުރުން މިއީ އައު ތަޖުރިބާއެއް ކަމަށާއި ކުލަބު "ބިލްޑް އަޕް" ކުރުމަށް ތަފާތު ހިޔާލުތަކުގެ ބޭނުން ހިފުމަށް މަސައްކަތްކުަރމުން އަންނައިރު، އޭގެން ހުރިހާ ހިޔާލަކީ އެކަމުން ފައިދާއެއް ނުކުންނާނެ ކަމަކަށް ނުވާނެކަން ގަބޫލް ކުރާކަމަށް ޕިރްލޯ ވަނީ ބުނެފައެވެ. އަދި އެހެން މީހުންނެކޭ އެއްފަދައިން އޭނާއަށްވެސް ގޯސް ހެދޭކަމަށާއި، ހެދުނު ގޯސްތަކުން ރަނގަޅު ފިލާވަޅުތަކެއް ދަސްވެ، އެކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ޔުވެންޓަސް އާއި ނާޕޯލީ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ޔުވެންޓަސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ޕައުލޯ ޑިބާލާ ވަނީ ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ އަނިޔާއިން ރަނގަޅު ވުމަށްފަހު ޑިބާލާ ކުޅުނު ފުރަތަމަ މެޗެވެ. މިމެޗުގައި ނާޕޯލީގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ އެވެ.

މި ނަތީޖާތަކާއެކު ތިންވަނައިގައި ޔުވެންޓަސް އޮތީ 29 މެޗުން 59 ޕޮއިންޓް ހަމަކޮށްގެންނެވެ. ޔުވެންޓަސް އަތުން ބަލިވި ނާޕޯލީއަށް ތާވަލުގެ ފަސްވަނަ ލިބެނީ 29 މެޗުން 56 ޕޮއިންޓު ހޯދައިގެންނެވެ. ތާވަލުގެ ދެވަނައިގައި އޭސީ މިލާން އޮތީ 60 ޕޮއިންޓާއެކުގައެވެ. އަދި އެއްވަނައިގައި އިންޓާ އޮތީ 11 ޕޮއިންޓުގެ ލީޑަކާއި އެކުގައެވެ.