މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ)އިން ހއ ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ ދިއްދޫ ބަނދަރު ބޮޑުކުރުމާއި ޖެޓީ ހެދުމުގެ މި މަޝްރޫއުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ދިއްދޫގައި މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމްއާއި އެކުންފުނީގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިމަޝްރޫއުގެ ދަށުން 616 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވާއިރު، 185 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ އިތުރުން 4320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއން ވަނީ މައުލޫމާތުދީފައެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން އެރަށު ބަނދަރުގެ ބައްތި ވެސް ހަރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުއަކީ 69.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެއް އަހަރު ދުވަހުގެ މުއްދަތުތެރޭގައި ނިންމުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޓީސީސީން ވަނީ މައުލޫމާތުދީފައެވެ.

ރާއްޖޭގައި ޓްރާންސްޕޯޓް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރަން އުފެދުނު ސަރުކާރުގެ ކުންފުނި ކަމަށްވާ އެމްޓީސީސީއަކީ ރާއްޖޭގެ ތަރައްގީގެ ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްގެންދަމުން ގެންދާ ކުންފުންޏެކެވެ.