މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާ ހއ ހޯރަފުށީގެ އުމްރާނީ ތަރައްގީގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތާއި، ފެރީ ޓަރމިނަލް ބިންގާ އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

ހޯރަފުށީގެ އުމްރާނީ ތަރައްގީއަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މި މަޝްރޫއުގެ ދަށުން 50 މީޓަރުގެ 5 ގްރޮއިން ޖެހުމަށް ނިންމާފައިވާކަމަށާއި، އެރަށު ގޮނޑުދޮށުގައި 30 މީތަރުގެ 1 ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީއިން މައުލޫމާތުދެއެވެ.

އަދި މި މަޝްރޫއުއަކީ، މިނިސްޓްރީ އޮފް ނޭޝަނަލް ހައުސިންގް އެންޑް އިންފްރާ ސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއްކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

އެމިނިސްޓްރީން އެމްޓީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 6.3 މިލިއަން ރުފިޔާގެ މަޝްރޫއުއެއްކަމަށް އެކުންފުނިން މައުލޫމާތުދީފައިވާއިރު، މިމަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 75 ދުވަސް ތެރޭގައިކަމަށް އެކުންފުނިން ވަނީ ބުނެފައެވެ،

މީގެއިތުރުން ހޯރަފުށީގައި ފެރީ ޓަރމިނަލް ބިންގާ އަޅާ އަމަލީ މަސައްކަތް ފަށަން ނިންމާފައިވާއިރު، އެމްޓީސީސީން ބުނީ މި ޓަރމިނަލްއަކީ ދިވެހި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮސްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ކަމުގައިވާ ހއ، ހދ، އަދި ށ އަތޮޅަށް ފޯރުކޮށްދޭ ފުރަތަމަ ސްޕީޑް ފެރީގެ ހިދުމަތްކަމަށެވެ. އަދި 41 ޓާރމިނަލެއް 41 ރަށެއްގައި ގާއިމުކުރެވޭނެކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

ރާއްޖޭގެ ރަށްރަށަށް ކަނޑުދަތުރުކުރުމުގައި ބޭނުންކުރާ ފެރީ ނިޒާމްގައި ހުރި މައްސަލަތައް ބެލުމަށްފަހު މި ނިޒާމް ފަރުމާކުރެވިފައިވަނީ އެކަންކަމަށް ހައްލެއް ލިބޭގޮތަށްކަމަށާއި، މިނިޒާމާއިއެކު އެއްރަށުން އަނެއްރަށަށް ދިއުމަށް ކުރިއަށްވުރެއް ތިންގުނަ އަވަސްވާނެކަމަށް އެމްޓީސީއިން ބުނެއެވެ.

މި ފެރީތަކަކީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭގޮތަށް ފަރުމާކުރެވިފައިހުރި ފެރީތަކެއްކަމަށްބުނެ އެކުންފުނިން ބުނީ ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކުރެވިފައިހުރީ މިފަދަ ދަތުރުތަކަށް އެކަށޭނެގޮތަށްކަމަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ބޭނުންވާ އިންތިޒާމްތައްވެސް ފެރީތަކުގައި ގާއިމްކުރެވިފައިވާނެކަމަށް އެކުންފުނިން ވަނީ މައުލޫމާތުދީފައެވެ.

އެމްޓީސީސީން ބުނީ މިމަސައްކަތުގެ މަޤުޞަދަކީ، ހެޔޮ އަގެއްގައި، ފަސޭހަކަމާއިއެކު ބޭނުންކުރެވޭ އެއްގަމު ޙިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިހުރުންކަމަށެވެ.

1980 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ތަރައްގީގެ އެކި މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްގެންދާ މި ކުންފުންޏަކީ ރާއްޖޭގައި ޓްރާންސްޕޯޓް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތްކުރަން އުފެދުނު ސަރުކާރު ކުންފުންޏެކެވެ.

އަދި ފާއިތުވި އަހަރުތަކުގައިވެސް އެމްޓީސީސީން ވަނީ ގިނަ އަދަދެއްގެ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައެވެ.