ފްރާންސްގައި ބާއްވާ ގްރޭންޑް ސްލޭމް މުބާރާތް ޝެޑިއުލް ކޮށްފައިވާ ތާރީހަށްވުރެ ހަފްތާއެއް ފަހުން ބޭއްވުމަށް ނިންމައިފިއެވެ.

މި މުބާރާތް ފަސްކުރަން ނިންމާފައިވަނީ ފްރާންސްގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ، ކޭސްތައް ފެންނަ މިންވަރު ބޮޑުވުމާއި ގުޅިގެންނެވެ. ފްރާންސްގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު އިންތިހާއަށް މަތިވުމާއި ގުޅިގެން އެގައުމުން ވަނީ ހޮނިހިރު ދުވަހު މުޅި ގައުމު ލޮކްޑައުން ކޮށްފައެވެ. އަދި ފްރާންސްގެ ރައީސް، އިމެނުއަލް މެކްރޯން ވަނީ މި ލޮކްޑައުން އުވާލެވޭނެ ކަމަށް ގަބޫލުކުރެވެނީ މޭމަހުގެ މެދުތެރޭގައިކަންވެސް ހާމަކޮށްފައެވެ.

ކުރިން މޭމަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ރޮލޭންޑް ގެރޯސްގައި ބާއްވަން ތާވަލުކުރެވުނު މިމުބާރާތް ދެން ބާއްވާނީ މޭ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިކަމާއި ގުޅޭގޮތުން ފްރެންޗް ޓެނިސް ފެޑެރޭޝަނުން ބުނީ މުބާރާތް ފަސްކުރުމުން އިތުރު ސްޕެކްޓޭޓަރުންނަށް މުބާރާތް ބެލުމަށް ވަދެވޭނެ ކަމަށާއި މުބާރާތަށް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމަށެވެ.

2020 ވަނަ އަހަރުވެސް ފްރެންޗް އޯޕަން މުބާރާތް ވަނީ ކޮވިޑްގެ ސަބަބުން ފަސްކޮށްފައެވެ. އެއަހަރުގެ މުބާރާތުގެ މެންސް ސިންގަލް ކެޓަގަރީ ކާމިޔާބުކޮށްފައިވަނީ ރަފައެލް ނަދާލް އެވެ. އެއީ ނަދާލް ކާމިޔާބުކުރި 13 ވަނަ ފްރެންޗް އޯޕަން އެވެ. އަދި އަންހެން ސިންގަލްސް ކާމިޔާބުކޮށްފައިވަނީ ޕޮލެންޑްގެ ޒުވާން ކުޅުންތެރިޔާ އީގާ ސްވިއަޓެކް އެވެ.

2021 ވަނަ އަހަރުގެ ފްރެންޗް އޯޕަން މުބާރާތް ނިމޭނީ ވިމްބްލްޑަން މުބާރާތް ފެށުމުގެ ދެހަފްތާ ކުރިންނެވެ.