މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ނ.ހެނބަދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ހެނބަދޫ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި އެރަށަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަސައްކަތުގައި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް ކުރަމުުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން ހެނބަދޫގައި 4.8 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނޭކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި ހެނބަދޫ ގެތަކުގައި ފެންމީޓަރ ބެހެއްޓުމާއި، ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

ހެނބަދޫގެ ފެނުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޑަބްލިއުއެސްސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

15 މަސްދުވަހުގެތެރޭގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުއަކީ 41.4 މިލިއަން ރުފިޔާ މަޝްރޫއުއެއްކަމަށާއި، މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހެނބަދޫ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ވަނީ މައުލޫމާތުދީފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން ޝާހު އާއި ކެދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ އާއި ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު ބައިވެރިވެވަޑައިގެންފައިވެއެވެ.އަދި އެމްޑަބްލިއުއެސްސީ މެނޭޖްމެންޓުގެ އިސް ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.