ފިލްމު "ހަމް ދިލްދޭ ޗުކޭ ސަނަމް" އަށް ފަހު ޕްރޮޑިއުސަރ ސަންޖޭ ލީލާ ބަންސާލީއާއެކު އެކްޓްރު އަޖޭ ދޭވްގަން މަސައްކަތްކުރާ ފިލްމު "ގަންގޫ ބާއީ ކަތިއާވާޅީ" ގެ ފިލްމުގެ ޝޫޓިންގް ޝެޑިއުލް ނިންމާލައިފިއެވެ.

އެކްޓަރު އަޖޭ ދޭވްގަން ފިލްމުގެ ސެޓާ ގުޅިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެހެންނަމަވެސް ދާދިފަހުން ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ފިލްމުގެ މަސައްކަތްވަނީ މެދުކެނޑިފައެވެ.

އެހެންނަމަވެސް މިހާރު އަޖޭ ހިމަނައިގެން ފިލްމުގައި ނަގަންޖެހޭ ހުރިހާ މަންޒަރުތަކެއް އެއްކޮށް ނިންމާފައިވާ ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.

މީގެކުރިން މީޑިއާތަކުން ބުނެފައިވަނީ ފިލްމުގައި އަޖޭ ފެނިގެންދާނީ ވަރަށް ކުރު ރޯލަކުން ކަމަށެވެ.

އެހެންނަމަވެސް މައުލޫމާތު ލިބޭގޮތުގައި ފިލްމުގެ ސްކްރިޕްޓަށް ގެނެވިފައިވާ ބަދަލާއެކު އަޖޭ ސްކްރީނުން ފެނިގެންދާ ވަގުތު ބެލުންތެރިން ހިތް އުފާވާހާ ދިގުވާނެއެވެ.

މިފިލްމުގައި އެކްޓަރު އަޖޭ ދޭވްގަން ފެނިގެންދާނީ ކަރީމް ލާލާ ކިޔާ ކެރެކްޓަރއާބެހޭ މާބޮޑު ތަފްސީލެއް މިފިލްމުގެ ޓީމުން އޯޑިއަންސާ އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މިފިލްމު މިއަހަރުގެ ޖުލައިމަހުތެރޭ ރިލީޒްކުރާނެކަމަށް ބެލެވިފަނިކޮށް ފިލްމުގެ މެއިން ކެރެކްޓަ ބަތަލާ އާލިއާ ބަޓް ދާދިފަހުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ފިލްމުގައި އާލިއާގެ ކުޅެންޖެހޭ ސީންތައްވެސްވަނީ ނިންމޭނެގޮތެއް ނުވެފައެވެ.

ކާމިޔާބު ލޯބީގެ ފިލްމު "ހަމް ދިލްދޭ ޗުކޭ ސަނަމް" އަށްފަހު އެކްޓަރު އަޖޭއާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެކުގައި މަސައްކަތް ކޮށްފައިމިވަނީ 22 އަހަރުފަހުންނެވެ.

ބަތަލާ އައިޝްވާރިޔާ ރާއި އަދި އެކްޓަރު ސަލްމާން ޚާން ފެނިގެންދިޔަ މިފިލްމަކީ ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދި ފިލްމެކެވެ.

އިންޑިއާގެ މީޑިއާގައި ބުނެފައިވާގޮތުގައި ޕްރޮޑިއުސަރު ސަންޖޭގެ ކާމިޔާބު ފިލްމު "ބަޖީރާއޯ މަސްތާނީ" ގައި ރަންވީރް ސިންގް ފެނިގެންދިޔަ ރޯލް އެންމެ ފުރަތަމަ ކުޅެން ހުށަހަޅާފައިވަނީ އަޖޭއަށެވެ.

އެހެންނަމަވެސް އެދުވަސްކޮޅު އަޖޭ ތައްޔާރުވަމުން ދިޔައީ އޭނާގެ ފިލްމު "ތަންހާޖީ" ގެ ފިލްމުގެ ޝޫޓިންގް ފެށުމަށެވެ.

ޚަބަރު ލިބޭގޮތުގައި ވަރަށް އަވަހަށް ސަންޖޭގެ އިތުރު ޕްރޮޖަކްޓަކުން އަޖޭ ދޭވްގަން ފެނިގެންދިޔުމަކީ ވަރަށް ކައިރިކަމެކެވެ.