ދ އަތޮޅު ކުޑަހުވަދޫއާއި މީދޫގައި އިއުލާނުކޮށްފައި އޮތް މޮނިޓަރިންގެ ހާލަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލައިފިއެވެ.

މިރަށްތަކުން މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ކުޑަހުވަދޫއިން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށް ލާފައިވަނީ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. މީދޫ މޮނިޓަރިންނަށް ލާފައިވަނީ ކުޑަހުވަދޫއަށް ދަތުރުކުރި 2 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އެ ދެރަށް މޮނިޓަރިންއަށް ލުމަށްފަހު ފާއިތުވި ދުވަސްތަކުގައި އެދެ ރަށުގައިވެސް ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށި ކޮށްފައެވެ.

ނަމަވެސް ވޭތުވެދިޔަ ދުވަސްތަކުގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ އެދެ ރަށުން ނެގި ރެންޑަމް ސާމްޕަލްތައްވެސް ނެގެޓިވްވުމާއި ގުޅިގެން ދެރަށުންވެސް މިއަދުވަނީ މޮނިޓަރިންގ ހާލަތު އުވާލާފައެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ކުޑަހުވަދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، އެރަށުން އިއްޔެ ނެގި 300 ރެންޑަމް ސާމްޕަލްވެސް ނެގެޓިވްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ މިދެރަށުގެ މޮނިޓަރިން އުވާލާފައިވަނީ ދެރަށުގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން ކަމަށާ މޮނިޓަރިންގގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތުމުން ކަމަށެވެ.

ކުޑަހުވަދޫ އަދި މީދޫއިން މޮނިޓަރިންގެ ހާލަތު އުވާލިނަމަވެސް، ރަައްކާތެރިކަމަށް ސަމާލުވުމަށާއި، މާސްކުއެޅުމާއި، ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ގިނަގިނައިން ސައިބޯނިލައިގެން އަތްދޮވުން ނުވަތަ ސެނިޓައިޒްކުރުން ފަދަ ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.