އިންޑިއާއިން އަންނަ ދަތުރުވެރިން ނިއުޒީލެންޑަށް އެތެރެވުން، ވަގުތީގޮތުން މަނާކުރުމަށް ނިއުޒީލެންޑް ސަރުކާރުން ނިންމައިފިއެވެ.

ނިއުޒީލެންޑުން އެޅި މިފިޔަވަޅުގެ ދަށުން، އިންޑިއާގައި ތިބި ނިއުޒީލެންޑްގެ ރައްޔިތުންވެސް އޭޕްރީލްމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށްއޮތް ދެހަފްތާ ތެރޭގައި ގައުމަށް އެތެރެވުން މަނާކުރުމަށް ވަނީ ނިންމާފައެވެ.

ނިއުޒީލެންޑުން މިފިޔަވަޅު އެޅީ، އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ވަރަށް މައްޗަށް ދާން ފެށުމާއި އަދި ގައުމުން ބޭރުން މިއަދު އައި 23 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި އޭގެތެރެއިން 17 މީހުންނަކީ އިންޑިއާއިން އައި މީހުން ކަމުގައި ވުމުންނެވެ.

އިންޑިއާއިން މީހުން އައުން ވަގުތީގޮތުން ސަސްޕެންޑް ކުރަން ނިންމިކަން އިއުލާން ކުރެއްވީ، އޯކްލޭންޑްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ނިއުޒީލެންޑްގެ ބޮޑުވަޒީރު ޔަސިންދަ އަރްދެއިންއެވެ.

އިންޑިއާއިން ނިއުޒީލެންޑަށް މިއަދު އައި 17 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 12.8 މިލިއަނަށް އަރާފައެވެ. އެމެރިކާ، ބްރެޒިލް ފިޔަވައި، އިންޑިއާ ވެފައިވަނީ ކޮވިޑްބަލީގެ ހާލަތު ދުނިޔޭގައި ތިންވަނައަށް އެންމެ ގޯސް ގައުމަށެވެ.

އިންޑިއާ މިހާރު ތަޖުރިބާ ކުރަމުންދަނީ ކޮވިޑްގެ ދެވަނަ ރާޅެވެ.

އިންޑިއާއިން އަލަށް ބަލިޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ރެކޯޑު އަދަދަކަށް މައްޗަށްދާއިރު، މިއަދު އެކަނިވެސް 126،789 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް އިންޑިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީން ހާމަކުރި ހިސާބުތަކުން ދައްކައެވެ. އިއްޔެވެސް 115،736 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ، އިންޑިއާގެ ބައެއް ސްޓޭޓްތަކާއި، އެތައް ސިޓީއެއްގައި މިހާރުދަނީ ކާފިއު ހިންގައި، ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ބަލީގެ ހާލަތާހެދި ވޭތުވެދިޔަ 14 ދުވަސް އިންޑިއާގައި ހޭދަކޮށްފައިވާ އެއްވެސް މީހަކު ނިއުޒީލެންޑަށް އެތެރެވުން އޭޕްރީލް 11 އިން ފެށިގެން މަނާކުރިއިރު، މިއީ، ބޭރު ގައުމެއްގައި ތިބި ޚުދު ނިއުޒީލެންޑްގެ ރައްޔިތުންވެސް އެނބުރި ގައުމަށް އައުން މަނާކުރެވޭ ފުރަތަމަ ފަހަރެވެ.

ބޮޑުވަޒީރު ޔަސިންދ އަރްދެއިން ވިދާޅުވީ، މިފިޔަވަޅު އަޅަންޖެހުނީ އިންޑިއާއިން އައި ބަޔަކު ޕޮޒިޓިވްވެގެން ކަމަށާއި، ނަމަވެސް، މިއީ އިންޑިއާއަށް ވެގެން އެޅުއްވި ފިޔަވަޅެއް ނޫން ކަމަށެވެ.

ނިއުޒީލެންޑަކީ ކޮވިޑްބަލި ފެތުރުން ހުއްޓުވަން ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާ ގައުމެކެވެ. މިފިޔަވަޅުތަކުގެ ދަށުން ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިވާ ގައުމެކެވެ. އެގައުމުން ކޮމިއުނިޓީ ސްޕްރެޑެއް ނުފެންނަތާވެސް މިހާރު 40 ދުވަސް ވެއްޖެއެވެ.