ކޮވިޑް-19 ފެތުރުން ކަންޓްރޯލްކުރުމަށްޓަކައި ޅ.ނައިފަރު އަދި ކ.ހުރާގައި އަޅާފައިވާ ޙާއްސަ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް އަތޮޅުތެރެއިން ފެންނަން ފަށާފައިވާއިރު މިވަގުތު އަތޮޅުތެރެއިން އެންމެ ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވަނީ ކ އަތޮޅާއި ޅ އަތޮޅުން ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ) އިން ބުނެފައިވާއިރު، ނައިފަރާއި ހުރާގެ މޮނީޓަރިން ހާލަތު އެންމެ ފަހުން އިތުރުކޮށްފައިވަނީ މާޗު 31 ވަނަ ދުވަހުގަ އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ނައިފަރާއި ހުރާގައި، އަޅާފައިވާ ހާއްސަ ފިޔަވަޅުތައް 5 ދުވަހުގެ މުއްދަތަށް އިތުރުކޮށްފައިވާކަަމަށެވެ.

ހުރާއިން ކޮވިޑްގެ އަލާމާތްތައް ފެނިގެން މާލެއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ނިމިދިޔަ މަހުގެ 23 ވަނަ ދުވަހު ހުރާ މޮނިޓަރިންނަށް ލާފައިވާއިރު މިހާތަނަށް މުޅިއަކު ޖުމްލަ 138 ކޭހެއް އެރަށުން ފެނިފައިވެއެވެ.

މީގެއިތުރުން ނައިފަރުން ވެސް ކޮވިޑް ކޭހެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގަ އެވެ. އަދި އެރަށުން މިހާތަނަށް ވަނީ 179 މީހަކު ޕޮޒިޓިވްވެފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ގިނަ ކޭސްތަކެއް އަތޮޅުތެރެއިން ފެންނަން ފަށާފައިވާއިރު މިވަގުތު އަތޮޅުތެރެއިން އެންމެ ގިނަ އަދަދެއްގެ ކޭސް ފެނިފައިވާ ރަށްތަކުގެ ތެރޭގައި ނައިފަރާއި ހުރާ ހިމެނޭކަމަށް އެޗްއީއޯސީއިން ބުނެފައިވެއެވެ.