އަންގްސާނާ ވެލާވަރު ރިސޯޓަށް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން އެރުމުގެ ހުއްދަ އެ ރިސޯޓުން ނުދިންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންގްސާނާ ވެލާވަރު ރިސޯޓަށް އީސީގެ އޮފިޝަލުން ދިޔުމުން އެ ރިސޯޓަށް އޮފިޝަލުން އެރުމުގެ ހުއްދަ ރިސޯޓުން ނުދިންކަމަށެެވެ. އެހެންކަމުން އޮފިޝަލުން މިހާރު ކައިރި ރަށަކަށް ފޮނުވާފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ، އޮފިޝަލުން އެ ރިސޯޓަށް ގޮސްފައިވަނީ ޕީސީއާރު ޓެސްޓު ހަދައި، ނެގެޓިވް ނަތީޖާ ހިފައިގެންކަމަށެވެ.

ވެލާވަރު ރިސޯޓުން ވޯޓުލުމަށް 61 ފަރާތެއް ރަޖިސްޓްރީވެފައިވާއިރު، އެ ފަރާތްތަކަށް ވޯޓު ލެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދ. މީދޫގައި އެ ރިސޯޓުގެ ވޯޓު ފޮށި ބެހެއްޓޭތޯ ބަލަމުން އަންނަ ކަމަށާއި، ރިސޯޓަށް ރެޖިސްޓާކޮށްފައިވާ މީހުންނަށް މީދޫގައި ވޯޓުލެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިހާބުގައި 735 ވޯޓުލާ މަރުކަޒު ގާއިމްކުރަން ނިންމާފައިވާއިރު، އިންތިހާބުގައި ވޯޓްލުމުގެ ހައްގު ދެ ލައްކަ ހަތްދިހަ ދެ ހާސް ހަތަރު ސަތޭކަ އަށްޑިހަ މީހުންނަށް ލިބިފައިވާއިރު ވޯޓް ކަރުދާސް ޗާޕުކުރަން ކޮމިޝަނުން ނިންމާފައިވަނީ މި އަދަދަށްވުރެ އެއް އިންސައްތަ އިތުރުކޮށެވެ.

މާލެ ސިޓީން ވޯޓު ދިނުމުގެ ހައްގު 51,499 މީހުންނަށް ލިބިފައިވާއިރު އައްޑޫ ސިޓީން 25,055 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. އަދި ފުވައްމުލަކު ސިޓީން 9,177 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.

ކުޅުދުއްފުށި ސިޓީން 6,825 މީހުންނަށް ވޯޓު ދިނުމުގެ ހައްގު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ލިބިފައިވާއިރު އެހެނިހެން އަތޮޅުތައް ހިމެނޭ ގޮތަށް 179،924 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ވަނީ ލިބިފައި ކަމަށް ކޮމިޝަނުން ހާމަކުރެއެވެ.