ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ "ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް"ގެ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ ކޯސްތައް ހިންގާ ކޮލެޖްތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހިމް ޙަސަން ވަނީ ޒުވާނުންގެ ޤާބިލްކަމާއި ހުނަރުވެރިކަން އިތުރުކުރުމަށް މިސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އަދި ޒުވާނުން މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ ޤައުމަށް ޚިދުމަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން ޕްރައިވެޓް ސެކްޓަރ އާއިއެކު އުފެދިގެން މިދަނީ އުފާވެރި ގުޅުމެއްކަމާއި، ޕްރައިވެޓް ސެކްޓަރ ބާރުވެރިކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އަބަދުވެސް ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ޑރ.އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި ވޯރލްޑްބޭންކްގެ މީރީ ޕޮޖެކްޓާއި، މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި .މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ސްކިލްސް ފޯ އަ ރެޒިލިއަންޓް ވޯރކްފޯސް އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އައިމިނަތު މުޙައްމަދު ސަލީމް ވިދާޅުވީ މިތަމްރީން ކޯސްތަކުގެ ބައިވެރިންނަށް ކޯސްތައް މުޅިން ހިލޭވާނެ ކަމަށާ ތަމްރީންދޭތަނަށް، ދަރިވަރުން އެއްވެސް ފީއެއް، ދައްކާކަށް ނުޖެހޭނެ ކަމަށެވެ. އަދި ދަރިވަރުންނަށް ތަމްރީންގެ މުއްދަތުގައި ޕޮކެޓްމަނީ އެއްވެސް ލިބޭނެ ކަމަށާ މިޚަރަދުތައް ކުރާނީ ސަރުކާރުން، ވޯލްޑް ބޭންކުގެ ޕްރޮޖެކްޓެއްގެ އެހީއާވެސް އެކުގައި ކަމަށެވެ.

07 ދާއިރާއަކުން ވޮކޭޝަނަލް އަދި ޓެކްނިކަލް ކޯސްތައް ހިންގުމަށް ޙަވާލުކޮށްފައިވަނީ ވިލާ ކޮލެޖް، މާލޭ ފިޓްނަސް، އަދި ޓެކްނިކަލް އެންޑް ވޮކޭޝަނަލް ޓްރެއިނިންގް ސެންޓަރާއެވެ. މި 07 ކޯހުގައި 360 ދަރިވަރުން ތަމްރީނުވެގެން ވަޒީފާގެ ބާޒާރަށް ނުކުތަމަށް ތައްޔާރުކުރެވޭނެ ކަމަށެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނީ އެ މިނިސްޓްރީން 2019 ގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގް ނީޑް އެނަލިސިސްއަށް ބަލައި، ޓުއަރިޒަމާއި ޓުއަރިޒަމާ ގުޅުންހުރި ކޮންސްޓްރަކްޝަން ދާއިރާތަކާއި އައިސީޓީ އަދި އެ އެނަލިސިސްގައި ފާހަގަ ކޮށްފައިހުރި އެހެނިހެން ދާއިރާތަކުން ލެވެލް 3 ގެ ކޯސްތައް މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް އަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން ކޮވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ އިޤްތިޞޯދު އަލުން ނެގެހެއްޓުމަށް ތައްޔާރުވާ އިރު އެކި ޞިނާޢަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފެށިގެންދާ ޚާއްސަ ޕްރޮގްރާމެއް ކަމަށެވެ. ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް މިޝިޔާރުގެ ދަށުން ދިވެހި ޒުވާނުން، ވަޒީފާއަށް ބޭނުންވާ ހުނަރު ތަކާއި އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު ބައިތައް އުނގެނި، ހުނަރުވެރި، ޤާބިލް، އުފެންދުންތެރި، އަދި ޒިއްމާދާރު ދިވެހި ރައްޔިތަކަށް ހެދޭނެ ކަމަށެވެ.

މިޕްރޮގްރާމްގެ ސަބަބުން ދިވެހި ރާއްޖޭގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމާއި، އިޤްތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ފަރުދީ ކުރިއެރުމާއިއެކު، ޤައުމުގެ އިޤްތިސޯދަށް އިތުރު ކުރިއެރުމާއި އާރޯކަން ގެނެވި ދިވެހި ޢާއިލާތަކަށް އިތުރު ކުރިއެރުންތައް ލިބޭނެއެވެ.މި ޕްރޮގްރާމްގެ ދަށުން ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކިދާއިރާތަކުން 1200 މީހުން ތަމްރީނު ކުރެވިގެން ދާނެއެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ މިޕްރޮގްރާމްގެ ދަށުން ޓުއަރިޒަމް ދާއިރާއިން 600 އަދި އައިސީޓީ ދާއިރާއިން 200 އަދި ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރެވިގެންދާނެ ކަމަށާ ތަމްރީނުލިބޭ ޒުވާނުންގެ 33 އިންސައްތައަކީ އަންހެނުންގެ ބައިވެރިވުން ހިމެނޭ ބައިތަކެއްގެ ގޮތުގައި ވުމަކީ މި ޕްރޮގްރާމްގެ އެންމެ މުހިއްމު އެއް އަމާޒު ކަމަށެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދުތަކަކީ ވަޒީފާ ބާޒާރަށް މިވަގުތު އެންމެ ބޭނުންވާ ވަޒީފާގެ ދާއިރާތައް ދެނެގަނެ އެވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، ރާއްޖޭގައި ޒުވާނުން ވަޒީފާ އަދާ ނުކުރާ މިންވަރު ދަށްކުރުމާއި، ޚާއްސަކޮށް މަދުރަސީ ތަޢުލީމު ނިންމާ ޒުވާނުންނަށް ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ތަމްރީނުކުރުމާއި، ފަންނީ މަސައްކަތްތެރި ވަޒީފާތަކާމެދު ޢާއްމުން ދެކޭގޮތް ބަދަލުކޮށް، ފަންނީ މަސައްކަތެރި ކަމަށް ލޯބިކުރާ، އަދި ފަޚުރުވެރި މުޖުތަމަޢުއެއް ބިނާކުރުމެވެ.އަދި ދިވެހިން ބައިވެރިވާ ވާދަވެރި ވަޒީފާ ބާޒާރެއް އުފައްދައި ރާއްޖޭން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ.