އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ފަލަސްތީނަށް އަލުން މާލީއެހީ ދޭން ނިންމަވައިފިއެވެ.

އެގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެވަނީ ފަލަސްތީނަށް 235 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމަވާފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފަލަސްތީނަށް އަލުން މާލީއެހީ ދިނުމަށް ބައިޑެން ނިންމެވުމުން އިސްރާއީލުވަނީ ވަރަށް ބޮޑަށް ނާއުންމީދުވެފައެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާއިން ޒަމާނުއްސުރެ ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީއަށް ދެމުން އައި މާލީއެހީތައް ކަނޑާލައި، އެމެރިކާގައި ހުރި ފަލަސްތީނު ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ފަލަސްތީނާ ގުޅުން ކަނޑާލީ އިސްރާއީލުގެ ބާރުއެޅުމުގެ މަތިންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ނިންމެވުމާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އދގެ އޭޖެންސީއަށް އެމެރިކާއިން 150 މިލިއަން ޑޮލަރު ދޭނޭ ކަމަށެވެ.

އަދި ހުޅަނގު އައްސޭރިއާއި، ޣައްޒާގައި ކުރެވޭ އިގްތިސާދީ މަސައްކަތްތަކާއި، ތަރައްގީގެ މަޝްރޫއުތަކަށް އިތުރު 75 މިލިއަން ޑޮލަރު އަދި ސުލްހަ ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު 10 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެގައިވަނީ، އުރުދުންގެ އަބްދުﷲ ރަސްގެފާނާ ފޯނުން ގުޅުއްވައި، ފަލަސްތީނު-އިސްރާއީލު މައްސަލާގައި މަޝްވަރާ ކުރައްވާފައެވެ.

މި މަޝްވަރާތަކުގައި، ދެދައުލަތުގެ ހައްލަށް އެމެރިކާއިން ތާއީދުކުރުންމަތީ ދެމިއޮންނާނެ ކަމުގެ ކަށަވަރުކަންވެސް ބައިޑެން ދެއްވި ކަމަށް ވައިޓްހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވީ، ދެފަރާތުން މަޝްވަރާކޮށްގެން ދެދައުލަތުގެ ހައްލަކަށްގޮސް މައްސަލަ ނިންމުމަށް އެމެރިކާއިން ބޭނުންވާ ކަމަށެވެ.

ފަލަސްތީނަށް އަލުން މާލީ އެހީތެރިކަން ވެދިނުމަށް ސަރުކާރުން ނިންމީ، މިފަދަ އެހީތެރިކަމަށް ވަރަށް ބޮޑަށް ޖެހިފައިވާ ފަލަސްތީނު ރައްޔިތުންނަށް އެހީވުމާއި، އިގްތިސާދީ ތަރައްގީއަށް އެހީތެރިވުމާއެކު، ފަލަސްތީނު-އިސްރާއީލުގެ ސަލާމަތާއި ހަމަޖެހުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރުމަށް ތާއީދުދިނުމަށް ކަމަށެވެ.

ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އދގެ އޭޖެންސީއަށް މާލީއެހީ އަލުން ދޭން އެމެރިކާއިން ނިންމި މައްސަލާގައި ރުޅިއައިސްގެން އިސްރާއީލުން ބުނެފައިވަނީ، ފަލަސްތީނު ރެފިއުޖީންނަށް އެހީވުމުގެ ނަމުގައި އދގެ އޭޖެންސީއެއް އޮވެގެން ނުވާނޭ ކަމަށެވެ.

އިސްރާއީލުން އެމެރިކާއަށް ކަނޑައަޅާގައި ހުންނަ އެމްބަސެޑަރ ގިލާޑް އަރްދާން ބުނީ، އދގެ އޭޖެންސީން އެހީވެގެން ހިންގާ ސްކޫލްތަކުން ތައުލީމު އުނގަންނައި ދިނުމުގެ ނަމުގައި ކުރާކަމަކީ އިސްރާއީލާ ދެކޮޅު ޚިޔާލުގެ މީހުން އުފެއްދުން ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީ އުފެއްދީ، 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔުނު ދައުލަތް އުފެއްދުމުގެ ސަބަބުން ގަދަބާރުން އުފަން ފަސްގަނޑުން ބޭރުކޮށްލެވުނު މީހުންނާއި، ރެފިއުޖީންގެ ގޮތުގައި ފަލަސްތީނުން ބޭރުވެގެންދިޔަ މީހުންނަށް އެހީވުމަށެވެ.

މި އޭޖެންސީން ގެންދަނީ، ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، ޣައްޒާގެ އިތުރުން، އުރުދުން، ސޫރިޔާ އަދި ލުބުނާނުގައި، ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ 5.5 މިލިއަން ފަލަސްތީނު ރެފިއުޖީންނަށް ތައުލީމާއި، ސިއްހީ ޚިދުމަތާއި، ކާނާ ފޯރުކޮށްދެމުންނެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީއާ އިސްރާއީލު އަބަދުވެސް ދެކޮޅެވެ. އަދި ރުޅިވެސް އާދެއެވެ.

އިސްރާއީލުން އަބަދުވެސް ބުނަމުން އަންނަނީ، ދުނިޔޭގެ އެތައް ގައުމެއްގައި ރެފިއުޖީން ދިރިއުޅޭ ކަމަށާއި، ނަމަވެސް، ފަލަސްތީނު ރެފިއުޖީންނަށް އެހީވާން އދގެ ވަކި ޚާއްސަ އޭޖެންސީއެއް ހަދަން ނުޖެހޭ ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްވެސް ފަހުން ގަބޫލުކުރެއްވީ އިސްރާއީލުގެ ބަހެވެ.