ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫޢުތަކުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީގައިވާ މީހުނަށް ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ޓަވަރުތަކުގެ ފުރަތަމަ ފަންގިފިލާއިންކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީން ބުނީ، މި ފްލެޓްތައް ލިބިފައިވާ މީހުނަށް ލިބެނީ ކޮން ފްލެޓެއްކަން ކަނޑައަޅާފައިވަނީ ފުލެޓް ލިބުނު މީހުންގެ މެދުގައި ގުރުޢަތުލައިގެން ކަމަށެވެ. ފްލެޓް ލިބޭ މީހުންގެ މެދުގައި ގުރުނެގުން އޮތީ މިއަދުގެ ވަގުތެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން، ދާޢިމީ ލިސްޓްގައި ހިމެނިފައިވާ މީހުންގެ މެދުގައި ނެގި ގުރުޢަތުލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލެޓް ނަމްބަރު ލިޔެވިފައިވާ ކަރުދާސްކޮޅުތައް ފޮއްޓަކަށް އެޅުމަށްފަހު މި ކެޓަގަރީއަށް، ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ މީހުންގެތެރެއިން ފުލެޓް ލިބުނު މީހުންގެ އައިޑީކާޑު ނަމްބަރު ތަރުތީބުންކަމަށް އެޗްޑީސީން މައުލޫމާތު ދެއެވެ.

ގުރުޢަތުން ނެގުނު ފުލެޓާއި، ފްލޯއާއި ޓަވަރު އެނގޭގޮތަށް ޓީވީ ސްކްރީނުން ދައްކަމުން ގެންދިޔައެވެ.

މި ހުރިހާ މަޢުލޫމާތުތަކެއް ފުލެޓް ލިބުނު މީހުނަށް އެސްއެމްއެސްގެ ޒަރިއްޔާއިން ހިއްސާ ކުރެވިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފައިވާއިރު، އެ ކޯޕަރޭޝަން ބުނީ ގުރުޢަތަށްފަހު ފްލެޓް ލިބުނު މީހުނަށް އެ ފުލެޓްގެ އެގްރީމެންޓްގައި ސޮއިކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީޚެއް ކުރިއަށްއޮތް ދުވަސްތަކުގައި ހަމަޖައްސައި އިއުލާނުކުރާނެ ކަމަށެވެ.