މި އަހަރުގެ ރަމަޟާން މަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފިއެވެ.

ރޯދަމަހު މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ، ކޮންމެ އާދީއްތައިން ފެށިގެން ބުރާސްފަތި ދުވަހުގެ ހެނދުނު 9:05 އިން މެންދުރުފަހު 12:30 އަށް ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގައިވެސް މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖައްސާފައިވަނީ މިގޮތަށް ކަމަށެވެ.

މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ހޯދާ މީހުންނަށް ނަންބަރު ދޫކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، މިހާރެކޭވެސް އެއްގޮތަށް މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެކަމަށް މީރާއިން ވަނީ ބުނެފައެވެ.

ކިއުބީ އެޕްލިކޭޝަން ބޭނުންކޮށްގެން އޮންލައިންކޮށްވެސް ނަންބަރު ދިނުމުގެ ހިދުމަތް ދޭނެކަމަށް މީރާއިން ބުނެފައިވާއިރު، އޮންލައިކޮށް ނަންބަރު ނުނެގޭ މީހުން، މީރާގެ ހޮޓްލައިނަށް ގުޅައިގެންވެސް ނަންބަރު ނެގޭނެކަމަށް ބުނެފައިވެއެވެ.

މީރާއަށް ޓެކްސްތަކާއި ގިނަ ފީތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ސިއްހީ ނުރައްކަލުގެ ހާލަތުގައި، އެޗްޕީއޭއިން އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރުމުގެ ގޮތުން، މީރާގެ ޚިދުމަތްތައް ހޯދުމުގައި އޮންލައިން ޕްލެޓްފޯމްތައް ހިޔާރުކުރުމަށް އިލްތިމާސް ކޮށްފައި ވެއެވެ.