ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. ގޮއިދޫގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފިއެވެ.

ބީއެމްއެލްއިން ވަނީ މި ޕްރޮޖެކްޓްގެ ދަށުން ރަށުގެ ޕާކްތަކާއި ޕިކްނިކް ސަރަހައްދަށް ދިޔުމަށް ބޭނުންކުރާ މައި މަގުގެ 2 ކިލޯ މީޓަރުގެ ސަރަހައްދެއްގައި އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ 50 ބައްތި ހަރުކޮށްފައެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބުކުރި އިބްރާހިމް ނިޝާމް އަޙްމަދު ބުނީ، މި ބައްތިތަށް ހަރުކުރުމުގެ ކުރިން އެ ސަރަހައްދުގައި އެއްވެސް ލައިޓެއް ނުހުންނަ ކަމަށެވެ.

ނިޝާމް ވަނީ، މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ޕްރޮޖެކްޓް ނިންމާލެވުމަކީ ލިބުނު އުފަލެއްކަމުގައި ފާހަގަކޮށްފައެވެ. އަދި ލައިޓު ޖެހުމުގެ އަމަލީ މަސައްކަތުގެ ހުރިހާ ކަމެއް ކޮށްފައިވަނީ، ކަމުގެ ފަންނުވެރި، ރަށުގެ ޒުވާނުންކަމުގައި ބުނެފައެވެ.

މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ފައިދާކުރާނެ ކަމަށާއި، މީގެތެރޭގައި ދަނޑުވެރިންނާއި، ފަންވިޔާ ފަރާތްތަކާއި، ކަނަމަދު އެއްކޮށް އެކަމުގެ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ޕާކުތަކާއި ޕިކްނިކްދާ މީހުނަށްވެސް ފައިދާކުރާނެކަމަށް ނިޝާމް ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓް ނިންމާލުމަށް ބީއެމްއެލް އިން ވެދެއްވި މާލީ އެހީތެރިކަމަށާއި މަސައްކަތް ކުރުމުގައި ރަށުގެ ޒުވާނުން ފޯރުކުރި އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކޮށް ނިޝާމް ވަނީ ރަށުގެ ތަރައްޤީއަށް މިފަދަ އިތުރު ޕްރޮޕޯސަލްތައް ހުށައެޅުމުގެ ވިސްނުން ގެންގުޅޭކަމަށް ބުނެފައެވެ.

މީގެއިތުރުންވެސް، ބީއެމްއެލްއިން ވަނީ 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ހދ. ކުމުންދޫގެ ބައެއް މަގުތަކުގައި ހުރި ބައްތިތައް ސޯލާ ބައްތިއަށް ބަދަލުކޮށް، އެރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަހައްދުގެ ބޮޑު މަގުގެ ބައްތިތައް އިޔާދަ ކުރަނިވި ހަކަތައިން ދިއްލޭ ބައްތިއަށް ބަދަލުކޮށްފައެވެ.