ޝަރުޢީ ޙުކުމަކާއި ނުލައި މީހުން މެރުމުގެ މައްސަލަތައް ބޭޒާރު ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވި އޭންސް ކެލަމާރޑް ދެކިވަޑައިގަންނަވާ ގޮތުގައި ކޮވިޑް-19 ގެ އިމްތިޙާނުން ސަރުކާރުތައް ވަނީ ފޭލިވެފައެވެ.

އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރުމުގައި ފަރަންސޭސިވިލާތުން އުފެދުނު ކެލަމާރޑުގެ މަޝްހޫރުކަން ބޮޑުވެގެން ދިޔައީވެސް ސަޢޫދީ ނޫސްވެރިއާ ޖަމާލް ޚާޝަޤްޖީގެ މަރުގެ ތަޙުޤީޤުގެ ތެރެއިންނެވެ. އެހެން ނަމަވެސް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ހުންގާނުގައި ހިފުމާއިއެކު މިހާރު އަނެއްކާވެސް އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގެ މައްސަލައިގާ ކެލަމާޑް މިހާރުވަނީ އެހެން އުސްމިނަކަށް ވަޑައިގެންފައެވެ. މިއަދު ދުނިޔޭގައިވާ އެންމެ ނުތަނަވަސްކަންބޮޑު މައްސަލައާއި ދިމާއަށް އެނބުރިވަޑައިގެންފައެވެ – އެއީ ދުނިޔޭގެ ހުރިހާ ކަންކޮޅަކުން މިނިވަންކަން ގެއްލެމުންދާ ކޮރޯނާ ވައިރަސްގެ ވަބާ ނިމުމަކަށް ގެނައުމަށްޓަކައި ވެކްސިން ދިނުމާއި ބެހުމުގައި ހަމަހަމަކަން ގެއްލިފައިވާތީއެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްއިންވަނީ އެމީހުންގެ އަހަރީ ރިޕޯރޓު ބުދަދުވަހު ނެރިފައެވެ. މި ރިޕޯރޓުގައި ބުނެފައިވާ ގޮތުގައި، ސަރުކާރުތަކުން ކޮރޯނާވައިރަހުގެ ވަބާއަކީ ބަހަނާއަކަށް ހަދައިގެން އިންސާނީ ޙައްޤުތައް ހިފަހައްޓައިފައިވާ ކަމުގައެވެ. އަދި މިވަބާއަކީ އަޞްލު ސަބަބު ކަމަށްވިޔަސް ޙަޤީޤަތަކީ އިންސާނީ ޙައްޤުތަކަށް ނުތަވަސްކަން ދިނުން ކަމުގައެވެ.

ފުޅާދާއިރާއެއްގެ މައްޗަށް ބަލައިލައިފައިވާ މި ރިޕޯރޓުގައި މި ބަހަނާއާއިގެން ސަރުކާރުތަކުގެ ނުފޫޒާއި ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ބުނެފައިވާއިރު ޚާއްޞަ ގޮތެއްގައި މިޔަންމާއައި ރަޝިއާ ފާހަގަކޮށްފައިވެއެވެ. ހަމަ އެއާއިއެކު އިނގިރޭސިވިލާތާއި އެމެރިކާގައި އިޙުތިޖާޖުތަކާއި ދެކޮޅަށް ބޭނުންކުރަން އިތުރު ގަދަފަދަ ބާރުތަކެއް ކޮރޯނާ ވައިރަހާއި ގުޅުވައިފައި ފުލުހުންނަށް ދީފައިވާ ކަމަށް ބުނެފައިވެއެވެ.

މި ވައިރަހާއި އެއާއި ގުޅުވައިގެން ގިނަ ޙައްްޤުތަކެއް ނިގުޅައިގަނެވިފައިވަނީ ނިކަމެތީންގެއެވެ. އަދި އެކަން ނިމުމަކަށް ގެނެވެން އަންނަނީ ދުނިޔޭގައި އެންމެނަށް އެއްވަރަށް ވެކްސިން ލިބިގެން ކަމަށް ކެލަމާރޑް ވިދާޅުވިއެވެ.

ކޮވިޑް-19އިގެ ޝިކާރައަށްވެގެންދިޔަތަން އަހަރެމެންނަށް ފެނުނީ އެންމެ ހިތްދަތި ޙާލުގައި އުޅޭ މީހުނާއި އެންމެ ނިކަމެތީ ގުރޫޕުތައް. އަދި އެމީހުންނަކީ އިނގިރޭސި ވިލާތަކަސް ފަރަންސޭސި ވިލާތަކަސް އަދި އެމެރިކާއާއި އިންޑިއާއަށް ކަމުގައި ވިޔަސް ހަމަ އެފަދަ. އަދި ބްރެޒިލުންވެސް ފެނުނީ ހަމައެހެން. އެހެންވީމާ ދުނިޔަވީ މުޖުތަމަޢެއްގެ ގޮތުގައި އަދި ޤައުމީ މުޖުތަމައެއްގެ ގޮތުގައި ކޮވިޑް-19 ހުށަހަޅައިދިން އިމްތިޙާނުން އަހަރެމެން މިވަނީ ފޭލިވެފައި."
އޭންސް ކެލަމާރޑް

ކެލަމާރޑަކީ ބާރުގަދަ މީހަކަށް ފާޑުކިޔައިލުމަށްވެސް ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއްނޫނެވެ. އދ.ގެ ޚާއްޞަ ރަޕޮޓިއަރއެއްގެ ގޮތުގައި ހުންނެވިއިރު 2019 ވަނަ އަހަރު އޭނާވަނީ، ޚާޝަޤްޖީ މަރައިލީ ދައުލަތަކުން ރޭވި ޖަރީމާއަކުން ކަމަށް ސާބިތުހެކި ލިބިވަޑައިގެންފައި ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ޑްރޯން ޙަމަލާއަކުން ޝަހީދުކޮށްލި އީރާނުގެ ޖެނެރަލް ޤާސިމް ސުލައިމާނީގެ މަރުގެ ތަޙުޤީޤުގައި ބައިވެރިވެވަޑައިގަތެވެ. އޭނާ ވިދާޅުވެފައިވަނީ އެއީ ޣައިރުޤާނޫނީ އަމަލެއް ކަމުގައެވެ. އަދި ހަމަ މިހިނގާ ހަފްތާގެ ކުރީކޮޅު އޭނާ ވިދާޅުވެފައިވަނީ ރަޝިއާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވަލްނީގެ ވިންދުތައް ކުރުގަޅުވައިލައިގެން އަވަހާރަކޮށްލުމަށް ރަޝިއާ ސަރުކާރުން ރާވަމުންދާކަމުގެ ނުރައްކާ އެބައޮތް ކަމުގައެވެ.

ކެލަމާރޑް ވިދާޅުވީ އޭނާ އިސްވެ ހުންނަވައިގެން އަމިއްލަފުޅަށް ތަޙުޤީޤުތަކެއް ދެން ނުހިންގަވާނެ ކަމުގައެވެ. އެއީ މިހާ ދުވަސްވަންދެން އޭނާ އދ.ގައި ކުރެއްވި މަސައްކަތްޕުޅެވެ. ނަމަވެސް އިންސާނީ ޙައްްޤުތައް ނިގުޅައިގަނެވިގެންދާނަމަ އެކަމަށް އަޑު އުފުއްލަވާނެކަމަށް ވިދާޅުވިއެވެ. ހަމަ އެއާއިއެކު މިވަބަ ވަނީ އެފަދަ އެތައް ކަމެއް ބޭޒާރުކުރުމަށް ފުރުޞަތު ދީފައި ކަމުގައެވެ. އެހެންވީމާ އެކަން ނިމުމަކަށް ގެނައުމަށްޓަކައި ކުރެވެން އޮތް ވަރަކަށް އެފަދަ ނިގުޅައިގަތުންތައް ބޭޒާރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ޚާއްޞަކޮށް އެ ޤައުމުތަކަކަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ވެކްސިން ގަނެގެންއުޅޭ ތަނަވަސް މުއްސަނދި އަދި ބާރުގަދަ ޤައުމުތައް ބޭޒާރުކުރައްވާނެ ކަމުގައެވެ.

ކެލަމާރޑް ވިދާޅުވީ މުއްސަނިދވެގެން ހަމައެކަނި ހުރިހާއެއްޗެއް ގަނެލައިގެން އެމީހުން ތިބީ ނޫންކަމުގައެވެ. އެހެން ބަޔަކު އެ އެއްޗެއް އުފެދިޔަވެސް ނުދެނީ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި އެކަން ކުރަނީ ކޮންފަދަ ނަމެއްގައި ހެއްޔެވެ؟

ކޮރޯނާ ވައިރަހަށް ފަރުވާ ދިނުމަށާއި ވެކްސިން އުފެއްދުމުގެ ފިކުރީ ޙައްޤުތަކަށް ލުއިދިނުމަށް ހުށަހެޅި ހުށަހެޅުމަށް ޔޫރަޕުގެ އިއްތިޙާދައި އެމެރިކާއިން ހުރަސްއެޅުމުން އެކަމަށް ރައްދު ދެއްވައިފައިވެއެވެ. އޭނާ ވިދާޅުވީ އެކަން އެމީހުން ކޮށްފައިވަނީ ނަފާ ހޯދުމައި ދަހިވެތިކަމުގެ ކަންޖޫސީ ބޭނުމުގައި ކަމުގައެވެ.

ކެލަމާރޑްގެ ހުށަހެޅުއްވުންތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޖޯ ބައިޑެންގެ ސަރުކާރުން އެންމެ ދަށް މިންވަރަށް އަމްދަނީން ޓެކްސް ނެގުމަށް ގޮވައިލި ގޮވައިލުން ހިމެނެއެވެ. އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލަން އެކަން އިޢުލާން ކުރެއްވުމުގެ ކުރީން އެމްނެސްޓީގެ ރިޕޯރޓުގެ ދީބާޖާގައި އެވާހަކަ ލިޔުއްވައިފައިވެއެވެ. ވިދާޅުވެފައިވަނީ ދުނިޔޭގެ ޓެކްސް ނިޒާމުން ކާމިޔާބަށްވުރެ ބޮޑަށް އުފައްދައިފައިވަނީ ނާކާމިޔާބާއި ފޭލިވުން ކަމުގައެވެ.

ކެލަމާރޑް ވިދާޅުވީ ދުނިޔޭގެ ޓެކްސް ނިޒާމަކީ ހަމަހަމަކަން ތަރާދުކުރަން އޮތް މަގުކަމުގައެވެ. އަދި އަބަދު އެއީ ކާކުގެ އަތުގައިތޯ މަދީ އަދި ކާކުތޯ އެންމެ ގިނައި ދިނުމަށް އެދެނީ ނޫންކަން ކަށަވަރުކުރެވޭނެ ގޮތްކަމުގައެވެ.

ރާއްޖޭގައިވެސް ކޮވިޑް-19 އާ ގުޅުވައިގެން ވަރަށް ގިނަ ބާރުތަކެއް ވަކި ބައެއްގެ އަތްމައްޗަށްވަނީ ދީފައެވެ. އަދި އެ ވަބާއާއި ގުޅުވައިގެން އިންތިޚާބެއް ފަސްކުރަމުން ގޮސް ރައްޔިތުން ވޯޓުލައިގެންނޫނީ ޤާނޫނީ ޙައިސިއްޔަތެއް ނުދެވޭ އެތައް މަޤާމަކަށް އޮޓޮމެޓިކުން މީހުން ހޮވިފައިވެއެވެ. އަދި ކޮވިޑް-19 ގެ ވަބާ ފެތުރިގަތް ދުވަސްވަރު ފުލުހުންނަށް ދީފައިވާ ބާރުތައް ބޭނުން ކުރުމުގައި ޙާލަތާއި ނުބައްދަލު މިންވަރަށް އަމުރުވެރިވެގެން ދިޔަތަންވެސް ވަނީ ފެނިފައެވެ. މިހާރުވެސް ފުލުހުންނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ދައުލަތަށް އާމްދަނީ ހޯދުންވެސް ނުހިމެނެއޭ ދެނެންވޭކަށް ނެތެވެ. އަދި އެއްވެ އުޅުމާއި ކަންކަން ތަރުތީބު ކުރުމުގެ އިޚުތިޞާޞްތަކުގެ މައްޗަށްވެސް ނުބައްދަލު ބާރުތަކެއް ބޭނުންކުރަމުން ދާކަމުގެ ޝަކުވާތައް ދަނީ އަޑުއިވެމުންނެވެ.