މިދިޔަ މާޗް މަހު މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ، މީރާއިން 1.33 ބިލިއަން ރުފިޔާ ބަލައިގެންފާޢީ ވާކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.2 އިންސައްތަ އިތުރު އަދަދެކެވެ. އަދި، މާރިޗު މަހުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 28.4 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މާޗް މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު މިއަހަރުގެ މާރިޗުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓް އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުން ކަމަށެވެ.

މިދިޔަ އަހަރުގެ މާޗް މަހުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ލޮކްޑައުންކުރުމުން، ޓޫރިޒަމް މިނިސްޓްރީން ވަނީ 2020 ވަނަ އަހަރުގެ ދެ ކުއާޓަރެއްގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފައިއެވެ.

އެހެންކަމުން، މާރިޗު 2020 ގައި މިފައިސާ ލިބިފައެއް މީރާއަށް ލިބިފައެއް ނުވެއެވެ.

މީގެއިތުރުން، މާރިޗު 2021 ގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރި އިތުރުވެފައިވާތީ، އެދާއިރާއިން ލިބިފައިވާ ޓީޖީއެސްޓީ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.

މިއަހަރުގެ މާޗްމަހުގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 51.0 އިންސައްތަ ނުވަތަ 676.90 މިލިއަން ރުފިޔާއެވެ.

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 25.3 އިންސައްތަ ނުވަތަ 335.39 މިލިއަން ރުފިޔާއެވެ.

މީގެއިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 69.96 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 69.91 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 32.41 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 142.99 މިލިއަން ރުފިޔާ ހިމެނެއެވެ.

މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.73 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.