ކޮވިޑް-19 އަށް ޕޮޒިޓިވް ވިތާ ހަދުވަސް ފަހުން ހޮސްޕިޓަލްގައި އެޑްމިޓްކުރި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސަޗިން ޓެންޑުލްކަރް ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

47 އަަހަރުގެ ސަޗިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ނިމުނު މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އޭގެ ހަދުވަސް ފަހުން އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ ކޮންމެހެނެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުންކަމަށް ސަޗިން ވަނީ ޓުވިޓާ މެދުވެރިކޮށް ހާމަކޮށްފައެވެ.

ހޮސްޕިޓަލުން ދޫކޮށްލިކަން ހާމަކޮށް ސަޗިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހޮސްޕިޓަލުން ދޫކޮށްލިކަމުގައިވީ ނަމަވެސް، ގޭގައި އައިސޮލޭޓްވެ ބަލިން ރަނގަޅުވުމަށްޓަކައި އަރާމުކުރަމުން ދާނެކަމަށެވެ. މީގެއިތުރުން ސަޗިން ވަނީ ހޮސްޕިޓަލުގައި އޭނާއޮތް ދުވަސްތަކުގައި އެހީތެރިވި އެންމެހާ ސިއްހީ މަސައްކަތްތެރިންނަށާއި މި ޕެންޑެމިކް ތެރޭގައި އެފަރާތްތަކުން ގައުމަށްޓަކައި ކޮށްދީފައިވާ މަސައްކަތަށް ޝުކުރާއި، ހެޔޮ ދުޢާ ފޮނުވާކަމަށް ބުނެފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ބެޓްސްމަންގެ ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ ސަޗިން ކްރިކެޓް އިން ރިޓަޔާ ކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ. އޭނާވަނީ 200 ޓެސްޓު މެޗުން 15،921 ލަނޑުގެ ރެކޯޑެއް ހަދާ، 463 ވަންޑޭ އިންޓަނޭޝަނަލް އިން 18،426 ލަނޑު ހަދާފައެވެ.

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު މި ހިނގާ އޭޕްރިލް މަހުގެ ތެރޭގައި އެވަރެޖް ގޮތެއްގައި ދުވާލަކަށް 90،000 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވްވަމުން އަންނަކަމަށް އެގައުމުން ރިޕޯޓްކުރެއެވެ.

ދުނިޔޭގައި ބޭއްވޭ ކްރިކެޓްގެ އެންމެ ބޮޑު ލީގު، އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ފެށުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ