އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ލިމިޓެޑް (އައިބީއެމް) އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އާ ދެމެދު ފަސްމީރު މަސްދަޅު ޑެލިވަރީ ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އައިބީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އަންވަރުއެވެ. މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީންއެވެ.

މި އެއްބަސްވުމަކީ މިފްކޯގެ އުފެއްދުންތައް ކަސްޓަމަރުންނާއި ހަމައަށް އިތުބާރާއެކު ހަލުވި ސްޕީޑެއްގައި ގެންގޮސްދިނުމުގެ ގޮތުން ވެވިފައިވާ އެއްބަސްވުމެއް ކަމަށާއި އައިބީއެމްގެ ހޮޓްލައިން 1619 އަށް ގުޅައިގެން ތާޒާ ފެނަށް އޯޑަރު ކުރާ އުސޫލުން މިހާރު ފަސްމީރު ބްރޭންޑްގެ މަސް ކޭހަށް އޯޑަރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޚިދުމަތް ފެށުމުގެ ގޮތުން އައިބީއެމްއިން ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނީ " ޗަންކްސް އިން އޮއިލް" އަދި " ޗަންކްސް އިން ބްރައިން" ގެ ޕެކޭޖިން ކަމަށްވާ 48 ދަޅުގެ މަސްކޭހާއި 24 ދަޅުގެ މަސް ކޭސް ކަމަށް އައިބީއެމް އިން ބުނެއެވެ.