(1 އޭޕްރީލް 2021 އާ ގުޅޭ)
****
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. މިއަދު އަހަރެން މިސްރާބުޖެހީ އެ އަންހެން ކުއްޖާގެ ގެއާއި ދިމާލަށެވެ. އެގެއަކީ އާދައިގެ ގޮތަކަށް ރާނާއި އުވަޖަހާފައި ހުންނަ ގެއެކެވެ. ގޯތީގެ އިންފާރު ވަކިކުރަން ފުޅަށް ގަނޑެއް ޖަހާފައި ހުއްޓެވެ. އަހަރެން ސައިކަލުގައި ގޮސް އެގޭދޮށަށް މަޑުކޮށްލީމެވެ. އޭރު އޭނާ އިނީ ގޯތި ތެރޭގައި ބަހައްޓާފައި ހުރި ޖޯލިފައްޗެއްގައި ހަނޑޫ ހޮވާށެވެ. އޭރު އޭނާއަށް އަހަރެންނެއް ނުފެނެއެވެ. ހީވާގޮތުން އޭނާ އިނީ ފުން ޚިިޔާލެއްގައެވެ.
ގޭތެރެއިން ނިކުމެގެން އައި މެދު އުމުރެއްގެ އަންހެނަކު އޭނާގެ ކައިރިއަށް އައިސް ގޮވާލިއެވެ.“ސާބަސް ގުމްރީއަށް!. ކޮން ދުނިޔެއެއްގަ އަދިވެސް ޚިޔާލީ ފޮލާ ކައްކަނީތަ؟” ގުމްރީ އިން ޖޯއްޔާއި ޖެހިގެން އިން ޖޯލީގައި އިށީންނަމުން މަރީ ބުނެލިއެވެ.
“މަރީ ދައްތައަށް އެނގެއެއްނު މަ ވިސްނާނީ ކޮން ކަމަކާކަން. ތީ ހުރިހާ ކަމެއްވެސް އެނގޭ މީހަކީ” ގުމްރީގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.
“ހޫނ! އޭ އިނގޭތަ ދައްތަ މާދަން މިއުޅެނީ ބޭބެމެން ރަށަށް ވިލިނގިއްޔަށް ދާންވެގެން. ވަރަށް ދެރަވޭ ގުމްރީ އެކަނި ބައިންދާފަ ދާންވެސް” އެވަގުތު މަރީގެ މޫނުމަތީގެ މަޖާ ކުލަވަރުވެސް ފޫހިކަމަށް ބަދަލުވެގެން ދިޔައެވެ.
ގުމްރީ އުނގުމަތީ ހޮވަން އިން ހަނޑޫ ދޮލަނގު ކައިރީގައި ހުރި ގޮނޑިމަތީގައި ބަހައްޓަމުން ވަރަށް ދެރަވެފައި މަރީއަށް ބަލާލިއެވެ.
އެހެންތަ؟ އޭރުން ހާދަ އެކަނި ވާނެޔޭ. ގުމްރީ މާޔޫސްވެފައިވާ ރާގެއްގައި ބުނެލިއެވެ.
“ދެރަނުވޭ ގުމް. މާދަން އަންނާނަމޭ.. އެހެން ނޫނަސް ގުމްއަށް އެނގޭނެ ނު ނިހާދުބެ އުޅެނީ އެރަށު ވަޒީފާގަ ކަން. ބޭބެއަށް މިރަށަށް އާދެވެނީ ވަރަށް މަދުން... ދައްތަވެސް އެރަށަށް ބަދަލުވާނީ ގުމް މީހަކާއި އިނދެ ދިރިއުޅުމެއް ފެށީމަ... ދައްތަ އަކަށް ނުކެރޭނެ ކޮއްކޮ އެކަނި ކޮށްފަ ދާކަށްވެސް. އެހެންވެ މާދަން އަންނަން މިދަނީ..
އެހެން ނޫނަސް ނިހާދުބެއަށްވެސް ބަންދު ދުވަހެއްވެސް ލިބެނީ ވަރަށް މަދުން... އާނ ދެން ދައްތަ ނެތިއްޔާ މަފަކީރު ވަރަށް އެކަނިވާނެ... މިގޭގަވެސް އުޅެނީ އަހަރެން އެކަނި.. ގުމްރީ ދެރަވެލަފައި ބުންޏެވެ.
ދެރަނުވޭ ކޮއްކޯ.. ކޮއްކޮ އެކަނިވިޔަކަ ދައްތަ ނުދޭނަން.. ބޮޑުބެ ކައިރީ ބުނެފަ ދާނީ... ދައްތަ އަންނަން ދެން ބޮޑުބެ ދައްތަ މިގެއަށް ނިދަން ފޮނުވަދޭށޭ.
މިވާހަކަތައް އަޑުއަހަން އެގޭގެ ފުޅަށް ބުޑުގައި އަހަރެން އޮތީމެވެ. އެމީހުންނަކަށް އަހަރެންނެއް ނުފެންނާނެއެވެ. އަދި މަރިޔަމް ދައްތަ އާއި ގުމްރީ ގޭތެރެއަށް ވަނުމުން އަހަރެން ސައިކަލުގައި ގޮސް އަތިރިމަތީގައި ހުރި އެއްކަލަ ހޮޅުއަށީގައި ޖައްސާލީމެވެ. އަދި ހިތާތިހާ ސުވާލުކޮށްލީމެވެ. ނަމަކީ ގުމްރީ.. ދެން އުޅެނީ ދައްތަ މަރިޔަބު. އެގޭގަ އިތުރު މީހަކު ނޫޅެނީބާ! ވެއްޖެ ގުމްރީއާއި ބައްދަލުވޭތޯ ބަލަން... މާދަން ހަވީރު އެގޭދޮށަށް ޖައްސާލާނީ.. ފަހަރުގައި ވާހަކަ ދައްކާލެވިދާނެ ކަންނޭގެ..
މިފަދަ ފުން ޚިޔާލެއްގައި ހޮޅުވަށީގައި އޮވެވުނީ ކިތައް ގަޑިއިރުކަންވެސް އަހަރެންނަކަށް ނޭގުނެވެ. ކުއްލިއަކަށް އިވުނީ މެންދުރު ނަމާދަށް ބަންގި ގޮވާ އަޑެވެ. އަހަރެން އަވަސް އަވަހަށް ސައިކަލުގައި ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. ހެނދުނު ސައިނުބޮއެ ހުރިކަންވެސް އިހްސާސް ކުރެވުނީ ދެނެވެ.
ވަގުތަކީ ހަވީރުގެ ހިތްގައިމު ވަގުތެވެ. އުނޑުމަތީގައިވާ ނޫ ވިލާތައް ފިލާގޮސް އުނޑުމަތި ރަތްވަމުން ދިޔައެވެ. ރަށުގެ މަގުތައް ފެންނަނީ ވަރަށް އަމާންކޮށެވެ. އަހަރެން ގުމްރީ އާއި ބައްދަލުކުރުމަށް ގުމްރީ އުޅޭ ގޭގައި މުގޯލި އަޅަން ފެށީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ފެންބަނޑިޔަލެއް ކިހިލި ޖަހާލައިގެން ގުމްރީ ގެއާއި ދިމާލަށް އަންނަ މަންޒަރެވެ.
އެ ހިތްގައިމު ހިނގުމުގައި ގުމްރީ ގެއާ އަރާ ހަމަވުމުން '"ގުމްރީ" ގެނަމުން މުހާތަބުކޮށް އަހަރެން ގޮވާލީމެވެ. އެވަގުތު ގުމްރީ ހައިރާންވެހުރެ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް ގުމްރީ މަޑުނުކޮށް ގެއަށް ވަންނަން އުޅުމުން އަހަރެން ގުމްރީގެ އަތުގައި ހިފީމެވެ. އެވަގުތުު ގުމްރީ ލަދުވެތިކަމާއެކު އަތުން ދޫކޮށްލުމަށް އެދުނެވެ.
އެ ލޫޅާފަތި އަތުން ދޫކޮށްލުމަށްފަހު ''ޕްލީސް އަހަރެން ބޭނުން ބައްދަލުކޮށްލަން'' މިހެން އަހަރެން ބުނުމާއެކު ގުމްރީ އަތުގެ އިޝާާރާތުން ޖޯލިފަތީގައި މަޑުކޮށްލުމަށް އެދުނެވެ. އަދިި ފެންބަނޑިޔާ ހިފައިގެން ގޭތެރެއަށް ވަނެވެ. އަހަރެން ގުމްރީގެ އިންތިޒާރުގައި އެ ޖޯލިފަތީގައި އިނީ މިފަދަ ފުރުސަަތެއް ލިބުމުން ވަރަށް އުފާވެފައެވެ.
ގުމްރީ ގޭތެރެއިން ނިކުމެގެން އައިސް އަހަރެންގެ ކައިރީ ޖެހިގެން އިން ޖޯލީގައި އިށީނެވެ. އަދި ވަރަށް ލަދުން ހުރެ ބުންޏެވެ. ކޮންކަމަކާތަ ތިއައީ..
އަހަރެން މިއައީ ހަމަ ފޫހިވެގެން ގުމްރީ އާއި ވާހަކަ ދައްކާލާ ހިތުން'' އަހަރެން ބުނީމެވެ. މިގޭގައި އުޅެނީ ގުމްރީ އެކަނިތަ؟
އާނ މަންމައާއި ބައްޕަ ވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފަ.. އަހަރެންނާއި އެކު މިގޭގައި އުޅެނީ އަހަރެންގެ ދެބެންގެ ދެދަރި ދައްތައެއް.. މަރީ ދައްތަ... އަހަރެން ކުރި ސުވާލުތަކަށް އެއްވެސް ޖެހިލުމެއްނެތި ގުމްރީ ޖަވާބު ދެމުން ގެންދިޔައެވެ.
ކޮންނަމެއްތަ ކިޔަނީ.. އަހަރެންނަށް ކިޔަނީ އަރީޝް އަހަރެން ގެ ނަން އަހަރެން ބުނެލީމެވެ.
ދެން ކިހިނެއް އަހަރެންގެ ނަން ހޯދީ.. ގުމްރީ އަހާލިއެވެ.
މިރަށުގައި އުޅެންޏާމު ނަންވެސް ހޯދޭނެތާ! އަހަރެން ބުނީމެވެ.
އަހަރެންނަށް އަރީޝް އިނގޭ...އަދި އަރީޝްގެ އާއިލާވެސް އެނގޭ.. އަރީޝް އަށް އަސްލު އަހަރެން ނޭގުނީ އަރީޝް ކިޔަވަން އުޅުނީ މާލޭގަ ނު.
ގުމްރީ އަށް އަހަރެން ވަރަށް ރަނގަޅަށް އިނގޭކަމަށް ބުނުމާއެކު އަހަރެން ހައިރާންވިއެވެ. ނަމަވެސް އަހަރެން ކުރިއަކުން ގުމްރީއެއް ނުދަންނަމެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ ގުމްރީއަށް ނޭނގި ގުމްރީއާއިބެހޭ މަޢުލޫމާތު ރަށުގެ ރައްޓެހި ކުދިން ކުރެން އަހާ އޮޅުން ފިލުވުމަށެވެ.
އެދުވަހު އަހަރެން ގުމްރީއާއި ވަކިވީ އަލުން ބައްދަލުވާނެ ކަމުގެ ޢުންމީދުގައެވެ. އެދުވަހުގެ ފަހުން ދެމީހުންނަކީ ދެމިތުރުން ކަމުގައި ބުނެފައެވެ. ގުމްރީއާއި އެކު މިވީ ކުޑަ ވަގުތު ކޮޅުގެތެރޭގައި އަހަރެންނަށް ގުމްރީގެ ފަރާތުން ނެނގޭ އެތައް ކަމެއް އެނގުނެވެ. އަދި ގާތް ދެ މިތުރުންނަށް ބަދަލުވެގެން ދިޔައެވެ.
ގެއަށްދިޔަ މަގުމަތީގައި އެކުވެރިއެއްގެ ފަރާތުން ގުމްރީއާއި ބެހޭގޮތުން މަޢުލޫމަތުތައް އަހަރެން ހޯދީމެވެ. ގުމްރީއަކީ އަޚްްލާޤް ރަނގަޅު ކުއްޖެކެވެ، ސާދާ ދިރިއުޅުމެއް އުޅެމުންދާ މުރާލި ކުއްޖެކެވެ. އެކަނިވެރިކަމާއި ފަޅުކަން އިހްސާސް ކުރަމުންދާ އެކަނި ވެރިއެކެވެ. ރަށުގެ އެހެން ކުދިންނާއި ޚިލާފަށް ވަފާތެރި ބައިވެރިއަކަށް ބޭނުންވެފައިވާ ކުއްޖެއްކަން އަހަރެންނަށް ރަޙުުމަތްތެރިޔާގެ ފަރާތުން އެނގުނެވެ. އަހަރެންނަކީވެސް އެފަދަ މީހެކެވެ. ގުމްރީ ފަދަ ގެވެށި ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ބޭނުންވެފައިވާ މީހެކެވެ.
ގުމްރީއަކީ ނިކަމެތި އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ގުމްރީގެ ވަރަށް ކުޑައިރު ގުމްރީގެ މަންމައާއި ބައްޕަ ނިޔާވުމުން ގުމްރީގެ އެންމެހާ ޚަރަދުތައް ބަލަހައްޓަމުން ދަނީ ގުމްރީގެ ބޮޑުބޭބެ އިބްރާހިމެވެ. ގުމްރީ އުޅެމުންދަނީ ގުމްރީގެ މައިން ބަފައިންގެ ގޭގައެވެ. މި އެގޭގައި ގުމްރީއާއިއި އެކު ހަމައެކަނި ދިރިއުޅެމުންދަނީ ގުމްރީގެ މަންމައާއި އެއްބަފާ ދައްތަ މަރިޔަމްއެވެ. ކުޑައިރުއްސުރެ ފެށިގެން ގުމްރީއަށް އަމިއްލައަށް ކަންކަން ކުރަން ވަނީ ދަސްވެފައެވެ. ކެއްކުމާއި ގޭތެރޭގައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރަމުންދަނީ ހުދު ގުމްރީއެވެ. ގުމްރީގެ ދައްތަ މަރިޔަމް ގުމްރީ ދެކެ ނިހާޔަތަށް ލޯބިވެއެވެ. އަމިއްލަ ދަރިއަކު ފަދައިންނެވެ. ގުމްރީވެސް މަރިޔަމް ދެކެ ނުލާހިކު ލޯބިވެއެވެ.
މިއާއި ޚިލާފަށް އަހަރެންގެ އާއިލާއަކީ ތަނަވަސް އާއިލާއެކެވެ. މިކަން ގުމްރީއަށްވެސް އެނގެއެވެ. ގުމްރީ ފަދަ ނިކަމެއްޗަކަށް މިފަދަ ތަނަވަސް އާއިލާއެއްގެ ހަމައެކަނި ހުރި ފިރިހެން ދަރިއާއި ކައިވެނިކުރަން އެއާއިލާއިން ރުހޭނެ ބާއެވެ. މިއީ ގުމްރީގެ ހިތުގައި އުފެދޭ ސުވާލެވެ.
ދުވަސްތައް މާޒީވެ ދެއެވެ. އަހަރެންނާއި ގުމްރީގެ އެކުވެރިކަން ލޯތްބަށް ބަދަލުވެއްޖެއެވެ. އަހަރެން ގުމްރީ ދެކެ އިންތިހާއަށް ލޯބި ވެއެވެ. އަދި ގުމްރީވެސް އަހަރެންދެކެ އިންތިހާއަށް ލޯބި ވެއްޖެއެވެ. އެހެންކަމުން އަހަރެން ގަސްތުކުރީ މާގިނަ ދުވަހު އިންތިޒާރު ނުކޮށް މިކައިވެނި ކުރެވޭތޯއެވެ. (ނުނިމޭ)
****
އެޑިޓަރުގެ ނޯޓު: މިވާހަކައިގެ ދެވަނަ ބައި ޝާއިއު ކުރެވޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.