ދެ ކިޑްނީވެސް ފެއިލްވެ، ޑައިލަސިސް ހަދަމުންދާ ޒުވާން ނޫސްވެރިޔާ ސާޢިދު އަހުމަދުގެ ކިޑްނީ ޓްރާސް ޕްލާންޓަށް. ރާއްޖޭގެ ފުޓުބޯޅައިގެ ބެލެނިވެރިފަރާތް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ތިން ލައްކަ ރުފިޔާގެ އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހުކުރު ދުވަހުގެ ހަވީރު ޑަ ގްރާންޑޭ އާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗުގެ ކުރިން ބޭއްވި ކުޑަ، އެހެންނަމަވެސް ޚާއްސަ ރަސްމިއްޔާތެއްގައި ސާއިދުއަށް ތިން ލައްކަ ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ، އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލެވެ.

ފުޓުބޯޅަ ކޮމެންޓަރީ ދިނުމުގެ އިތުރުން ކުޅިވަރުގެ އެކިއެކި ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރިމާއި ޕްރެޒެންޓު ކުރުމުގައިވެސް ފާހަގަކޮށްލެވޭ ސާއިދުއަށް ރަމްޒީ ޗެކް ހަވާލުކުރުމްފަހު އެފްއޭއެމް އިން ބުނީ، ސާއިދު އަކީ ފުޓުބޯޅަ އާއިލާގެ މެމްބަރެއް ކަމަށެވެ. އަދި އޭނާ އަކީ ޒިންމާދާރު ބައްޕައެއްގެ އިތުރުން އިހްލާސްތެރި ގައުމީ ހިދުމަތްތެރިއެއް ކަމަށާއި ހިތްވަރުގަދަ ނަމޫނާ ޒުވާނެއް ކަމަށެވެ. ސާއިދުއަށް އެންމެ ބޮޑު އެއް އުފަލަކީ ފުޓްބޯޅައިގެ ޚަބަރުތަކާއި މައުލޫމާތު ތާޒާކަމާއެކު ގެނެސްދިނުން ކަމަށްވީނަމަވެސް، މިހާރު ހާލަތު ބަދަލުވެ ސާއިދު މިއަދު އާދޭސްކުރަމުންދަނީ ދިރިހުރުމަށް އިންސާނަކަށް އެންމެ ބޮޑަށް ބޭނުންވާ ކިޑްނީ ޓްރާންސްޕްލާންޓް ކޮށްދިނުމަށް ބޭނުންވާ ދީލަތި އެހީއަކަށް އެދިކަމަށް އެފްއޭއެމް އިން ފާހަގަކުރިއެވެ.

އެހެންކަމުން ފުޓްބޯޅަ އާއިލާއަށް ކުރިމަތިވާ މިފަދަ ކެކުޅުންތަކަށް އެހީތެރިވެދިނުމަކީ އެފްއޭއެމާއި އެފްއޭއެމް ފައުންޑޭޝަނުގެ އެންމެ މުހިންމު އަމާޒެއްކަމުގައި ވުމުން، މި އެހީތެރިކަމާއެކު އެފަރާތުގެ ދުޢާ އަކީ ސާއިދަށް ފުރިހަމަ ސިއްހަތަކާއި އުފާފާގަތިކަން މާތްﷲ މިންވަރުކުރެއްވުން ކަމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.

އެފްއޭއެމް އިން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- އެފްއޭއެމް

މީގެކުރިން ސާއިދުއަށް ކިޑްނީ ހަދިޔާކުރާނެ ފަރާތެއް ނުލިބިވެސް ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިފައިފައިވެއެވެ. ސާއިދު މީގެކުރިން ބުނެފައިވާ ގޮތުގައި އޭނާ ކިޑްނީއެއް ހޯދުމަށް ފާއިތުވި ދުވަސްތަކުގެ ތެރޭގައި 12 މީހަކާއެކު ވާހަކަ ދެއްކުނު ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކު ކިޑްނީއެއް ހަދިޔާކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ހުރިހާ މަރުހަލާތަކެއް ވެސް ފުރިހަމަކުރި ނަމަވެސް ކޮންމެވެސް ހިސާބަކުން ވަނީ ފެއިލް ކަމަށް ސާއިދު ބުނެފައިވެއެވެ.

އެގޮތުން ރީޗެކަޕް ހަދަން ޖެހޭ ހިސާބުން އެމީހުން ހަބަރެއް ނުވާކަން ފާހަގަކުރަމުން ސާއިދު ބުނީ އަނެއް މީހުން ޓެސްޓް ހަދަން ދާނެ ކަމަށް ބުނެ، ޓެސްޓް ހަދަން ޖެހޭ ދުވަހު ގުޅާއި ގުޅާއި ފޯނު ވެސް ނުނަގާ ކަމަށެވެ.

އެހެންނަމަވެސް އުފަލުން ފޮޅިފައިހުރެ ވީނިއުސް އާއި ވާހަކަދައްކަމުން ސާޢިދު ބުނީ މިހާރު ކިޑްނީ ހަދިޔާކުރާނެ ފަރާތެއްވެސް ލިބިފައިވާ ކަމަށާއި، ހަދަން ޖެހޭ ޓެސްޓުތައްވެސް ހަދާފައިވާ ކަމަށެވެ.

އުމުރުން 28 އަހަރުގެ ސާޢިދުގެ ދެ ކިޑްނީ ފެއިލްވެ އެހީއަކަށް އެދީ އާދޭސްކުރާތާ އެތައް ދުވަހެއް ވެފައިވާއިރު ކިޑްނީ ފެއިލްވެ، ސާއިދު ޑައިލިސިސް ހަދަމުން އަންނަތާ ގާތްގަނޑަކަށް 2 އަހަރާއި 7 މަސްދުވަސް ވަނީ ވެފައެވެ.