މެޗު ތަކުގެ ކޮމެންޓްރީ ދިނުމުގައި އަދި ކުޅިވަރާއި ގުޅުންހުރި އެތައް ޕްރޮގްރާމެއް ހުށަހެޅުމުގައި އަދި ޕްރޮޑިއުސް ކުރުމުގައި ފާހަގަކޮށްލެވޭ ސާޢިދު އަހްމަދުގެ ކިޑްނީ ޓްރާންސްޕްލާންޓަށް އެފްއޭއެމްގެ ފަރާތުން ދިން ބޮޑު އެހީ އާއިއެކު، ކުޅިވަރު ޖާނަލިސްޓުންނަކީވެސް ފުޓުބޯޅަ އާއިލާގެ މެމްބަރުންކަން އެފްއޭއެމް އިން ސާބިތުކޮށްދީފި ކަމަށް ސާއިދު ބުނެފިއެވެ.

ކުޅިވަރު ހަބަރުތައް ތާޒާ ކަމާއިއެކު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި 12 އަހަރު ހޭދަކޮށްފައިވާ ސާއިދުގެ ދެ ކިޑްނީވެސް ފެއިލްވެ، ކިޑްނީ ޓްރާންސްޕްލާންޓަކަށް ތައްޔާރުވަމުން ދަނިކޮށް، ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމް އިން ވަނީ 300.000 (ތިންލައްކަ) ރުފިޔާގެ މާލީ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. މިކަމަށް ހާއްސަކޮށް ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ސާއިދުއަށް ތިންލައްކަ ރުފިޔާގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް އެވެ.

ސާއިދުއަށް ޗެކް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ؛- އެފްއޭއެމް

މިކަމާ ގުޅިގެން ވީނިއުސް އާއި ވާހަކަދައްކަމުން ސާއިދު ބުނީ، 12 އަހަރު ދުވަހު ފޫހިކަމެއްނެތި ކުރާހިތުން ކުރި މަސައްކަތް ބަޔަކު ބަލައިގަނެފިކަން އިހުސާސް ކުރެވިއްޖެ ކަމަށެވެ. އަދި ފުޓުބޯޅަ އަކީ ހަމައެކަނި ކުޅިވަރެއްނޫން ކަމާއި މީގެތެރެއިން އުފެދިފައި މިވާ އާއިލާ އަކީ އެކުވެރި، ގުޅުން ބަދަހި އާއިލާއެއްކަން އެތައް ބަޔަކަށް ފެނިގެން ހިނގައްޖެކަމަށެވެ. މީގެއިތުރުން މި އާއިލާގެ މެމްބަރުންނަކީ ހަމައެކަނި ފުުޓުބޯޅަ ކުޅުންތެރިންނާއި، ޓީމު ތަކުގެ އޮފިޝަލުންނާއި މެނޭޖްމަންޓް އަދި އެފްއޭއެމްގެ ފަރާތްތައް ނޫންކަމާއި، މި އާއިލާގެ މެމްބަރުންގެ ތެރޭގައި ފުޓުބޯޅަ ކަވަރުކުރުމުގައި އުޅޭ ނޫސްވެރިންވެސް ހިމެނޭކަން މުޅި ރާއްޖެއަށް، އެފްއޭއެމް އިން ހާމަކޮށްދީފިކަމަށް ސާޢިދު ވަނީ ބުނެފައެވެ.

އުމުރުން 28 އަހަރުގެ ސާޢިދުގެ ދެ ކިޑްނީ ފެއިލްވެ އެހީއަކަށް އެދީ އާދޭސްކުރާތާ އެތައް ދުވަހެއް ވެފައިވާއިރު ކިޑްނީ ފެއިލްވެ، ސާއިދު ޑައިލިސިސް ހަދަމުން އަންނަތާ ގާތްގަނޑަކަށް 2 އަހަރާއި 10 މަސްދުވަސް ވަނީ ވެފައެވެ. ސާއިދުގެ ހަށިގަނޑުގައި މައްސަލައެއް އުޅޭކަން އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެއީ އާދަޔާ ހިލާފަށް ހުން އައިސް، ކުޑަކަމުދާ ތަކެތީގައި ލޭ ހުރުމުން ޑޮކްޓަރަށް ދެއްކި ހިސާބުންނެވެ.

ވޭތުވެދިޔަ ދެއަހަރަށްވުރެ ގިނަ ދުވަހު ކިޑްނީއެއް ހަދިޔާކުރާނެ ފަރާތެއް ހޯދުމަށް ސާއިދުވަނީ އެތައް އާދޭހެއް ކޮށްފައެވެ. އެހެންނަމަވެސް ދާދި ފަހަކާ ޖެހެންދެން މިކަމަށް އަލިމަގެއް ފެނިފައިނުވި ނަމަވެސް، އުންމީދު ކަނޑާނުލާ ހުރި ސާޢިދުއަށް މިހާރު މިވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ. ވީނިއުސް އަށް މައުލޫމާތުދެމުން ސާޢިދު ބުނީ މިހާރު ކިޑްނީ ހަދިޔާކުރާނެ ފަރާތެއް ލިބިފައިވާ ކަމަށާއި ޓްރާންސްޕްލާންޓް ހެދުމަށް ބޭނުންވާ ޓެސްޓުތައްވެސް ހަދާފައިވާ ކަމަށެވެ.

ފޮޓޯ:- ފޭސްބުކް

ސާއިދު އާއި ރަމްޒީ ޗެކް ހަވާލުކުރުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފުޓުބޯޅަ އާއިލާގެ ފަރާތުން ސާއިދުއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށެވެ. އަދި ﷲ ގެ ރަޙްމަތްފުޅާއެކު ސާއިދުގެ ސާޖަރީ ކާމިޔާބުވެ އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދޭކަމަށްވެސް ބައްސާމްގެ ޓުވީޓުގައި ވިދާޅުވިއެވެ. އަދި ކުޅަދާނަ ޖާނަލިސްޓެއްގެ އިތުރުން ފުޓުބޯޅަ މި އާއިލާގެ މެމްބަރު ވަރަށް އަވަހަށް އެނބުރި އައުން ބޭނުންވާކަންވެސް ބައްސާމް ވަނީ ހާމަކޮށްފައެވެ.

އެފްއޭއެމްގެ މި އެހީ އާއިއެކު އެއިދާރާއިން ވަނީ އެހެން ފަރާތްތަކަށް މިސާލް ދައްކާފައެވެ. އެހީއަށް ބޭނުންވާ ހިނދު އެންމެ ކައިރީގައި ހުންނާނީ އަބަދުވެސް އާއިލާކަން އެ އިދާރާއިން މިވަނީ ސާބިތުކޮށްދީފައެވެ. އަދި އާއިލާ އަކީ ހަމައެކަނި ލެއިން ގުޅިފައިވާ ގުޅުމެއް ނޫންކަންވެސް އެއިދާރާއިން މިވަނީ ހާމަކޮށްދީފައެވެ. އެފްއޭއެމްގެ މި އެހީއަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު، އަހްމަދު މަހްލޫފް ވެސް ވަނީ އެފްއޭއެމް އަށާއި ކުޅިވަރު އާއިލާއަށް ތަޢުރީފުކުރައްވާ ޓުވީޓެއް ކުރައްވާފައެވެ.