VOD VTV LIVE VFM 99

މާލެ ސިޓީގެ މޭޔަރުކަން: ރޭހުގެ ކުރީގައި އުޅުއްވަނީ ޑރ. މުޢިއްޒު

ސައިފް އަޒްހަރު
ސައިފް އަޒްހަރު 10 April 2021, 07:40
Male' City Mayor: reyhuge kureegai Dr. Muizzu

22:18 - މުޅި ރާއްޖޭގައި މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނުން މިހާރުވެސް ކުރިއަށް އެބަދެއެވެ.

ބައެއް ރަށްރަށުގެ ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ ވޯޓު ފޮށިތަކުގެ ބައެއް ވަގުތީ ނަތީޖާތައްވެސް، ވޯޓު ގުނައި ނިމުމާއެކު ވަގުތުން ގެންދަނީ އިއުލާން ކުރަމުންނެވެ.

ގިނަ ބައެއްގެ ލޯ މައިގަނޑު ގޮތެއްގައި ހުއްޓިފައިވަނީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ އިންތިޚާބުގެ ނަތީޖާއަށެވެ.

އެގޮތުން، ވެރިކަންކުރާ މާލެ ސިޓީގެ މޭޔަރު ކަމަށް، ވެރިކަންކުރާ އެމްޑީޕީން ވާދަކުރެއްވި އަނަސް އަބްދުއްސައްތާރާއި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޑރ. މުހަންމަދު މުޢިއްޒުގެ އިތުރުން، އަމިއްލަގޮތުން ވާދަކުރެއްވި އަލްހާން ފަހުމީއަށް މިހާތަނަށް ގުނި ވޯޓުފޮށިތަކުން ލިބިވަޑައި ގެންނެވި ވޯޓުގެ ވަގުތީ ނަތީޖާތައްވެސް ގެންދަނީ އިއުލާން ކުރަމުންނެވެ.

މިހާތަނަށް އިއުލާންކުރި ވަގުތީ ނަތީޖާއިން ކުރީގައި އުޅުއްވަނީ ޑރ. މުހަންމަދު މުޢިއްޒުއެވެ. މުޢިއްޒުއަށް މިހާތަނަށް 9،305 ވޯޓު ލިބިވަޑައި ގެންފައި ވާއިރު، އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރަށް ލިބިވަޑައި ގެންފައިވަނީ 5،573 ވޯޓެވެ. އަލްހާން ފަހުމީއަށް ލިބިވަޑައިގެންފައިވަނީ 259 ވޯޓެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު ކުރީގައި އުޅުއްވާއިރު، ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓާއި، ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓްވެސް، މިހާތަނަށް ގުނި ވޯޓުގެ ވަގުތީ ނަތީޖާއިން އުޅުއްވަނީ ކުރީގައެވެ.

--

18:35 - ވޯޓުލުން ފެށުން ލަސްވެފައިވާ މަރުކަޒުތަކުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި. ހަވީރު 18:15 އިން 21:50 އާ ދެމެދުގެ ވަގުތުތަކުގަ 51 ވޯޓުފޮށްޓަކަށް ވޯޓުލުމުގެ ވަގުތު، އިލެކްޝަންސް ކޮމިޝަނުންވަނީ އިތުރުކޮށްފައި. އެންމެ ލަހުން ބަންދުކުރުމަށް ކަނޑައަޅަފައިވަނީ 21:50 ގައި. އެއީ ތ. ވިލުފުށީ 2 ނަމްބަރު ވޯޓުފޮށި.

--

16:00 - 91% ވޯޓްލާ މަރުކަޒުތަކުގައި ޕާޓީތަކުގެ އޮބްޒާވަރުން ހަރަކާތްތެރި ވަމުން ގެންދާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފި،، ޕާޓީތަކުގެ އޮބްޒާވަރުން ނެތް މަރުކަޒުތަކުގެ އަދަދުތައްވެސް ޓްރާންސްޕޭރެންސީންވަނީ ހާމަކޮށްފައި.

--

13:45 - ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލައްވައިފި. ނައިބް ރައީސް ވޯޓް ލައްވާފައިވަނީ މާފަންނު ސްޓޭޑިއަމްގައި ބަހައްޓާގައިވާ ވޯޓުފޮށްޓަށް.

--

13:10 - ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލައްވައިފި. ރައީސް ނަޝީދު ވޯޓް ލައްވާފައިވަނީ ގަލޮޅު ދަނޑުގައި ބަހައްޓާފައިވާ ވޯޓްފޮށްޓަށް.

ވޯޓްލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވެސް ވަނީ، ވީހާވެސް ގިނަ މީހުން ނުކުމެ ވޯޓްލުމަށް އެދިވަޑައިގެންފައި. އިންތިޚާބަކީ ރައްޔިތުން ކަންކަން ނިންމަން ލިބޭ ފުރުސަތެއް ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފުމަށްވެސް ރައީސް ނަޝީދު އެދިވަޑައި ގެންނެވި،،

ހަމަ އެއާއެކު، މިހާތަނަށް ވޯޓްލާން ނުކުމެފައިވާ މީހުންގެ އަދަދު މަދުކަން ނޫސްވެރިން ފާހަގަ ކުރުމުން ރައީސް ނަޝީދު ވިދާޅުވީ، މީގެ ކުރީގެ އިންތިޚާބުތަކުގައި މާލެއިން ވޯޓްލާން ނުކުތް މީހުންގެ އަދަދު މަދުކަމަށް. އެހެން ނަމަވެސް، މިފަހަރު ގިނަބަޔަކު ނުކުމެ ވޯޓްލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި،

--

ކުރީގެ ރައީސް ޑރ. މުހަންމަދު ވަހީދު ހަސަންމަނިކުވެސް ކައުންސިލް އިންތިޚާބުގައި ވޯޓްލައްވައިފި

--

ކިޔޫގައި މިހަކު ނެތްނަމަ 18:00 ގައި ވޯޓްލާ މަރުކަޒު ބަންދުކުރާނެ - އިލެކްޝަންސް

އިންތިޚާބުގައި ވޯޓްލެއްވުމަށްފަހު ރައީސް ސާލިހް، ފާހަގަ ދައްކާލައްވަނީ
ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދުދީދީ ކައުންސިލް އިންތިޚާބުގައި ވޯޓްލައްވަނީ

ވޯޓްލެއްވުމަށްފަހު ރައީސް ސާލިހްވަނީ މީޑިއާއާ ވާހަކަފުޅު ދައްކަވާފައި. އަދި ވީހާވެސް ގިނަ ބަޔަކު އިންތިޚާބުގައި ވޯޓްދިނުމަށް ރައީސް އެދިވަޑައި ގެންނެވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ވޯޓްލައްވަނީ

10:40 - ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލައްވައިފި. އެމަނިކުފާނު ވޯޓްލެއްވީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި މާލޭގައި ދިރިއުޅޭ ހިންނަވަރުގެ ވޯޓްފޮށްޓަށް.

--

ވޯޓްލާން ރަށްރަށަށް ދަތުރުކުރާ މީހުން ކަނޑައެޅިފައިވާ ސިއްހީ ގައިޑްލައިނަށް ފުރިހަމައަށް އަމަލުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފި

--

--

08:56 - ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި މުޅި ރާއްޖޭގައި 2،000 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފި

08:45 - ވޯޓްލާން މިހާތަނަށް ނުކުމެފައިވަނީ މަދު ބައެއްކަމަށް ރިޕޯޓްތައް ލިބޭއިރު، ވޯޓްލާން އެއްވެސް މީހަކު ނައުމުގެ ސަބަބުން ބައެއް ވޯޓުފޮށިތަކަށް އަދިވެސް ވޯޓްލާން ނުފެށޭ ކަމަށްވެސް ރިޕޯޓްތައް ލިބެމުންދޭ

--

މަޖީދިއްޔާ ސްކޫލްގައި ވޯޓްލާން މީހުން ކިޔޫގައި ޖެހިގެން

--

ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް ވޯޓްލައްވަނީ

--

08:01 - މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ކޯލިޝަނުން ވާދަކުރައްވާ ޑރ. މުހަންމަދު މުޢިއްޒު ވޯޓު ލައްވައިފި. ޑރ. މުޢިއްޒު ވޯޓް ލައްވާފައިވަނީ ހިރިޔާ ސްކޫލްގައި ބެހެއްޓިފައިވާ ވޯޓު ފޮށްޓަކަށް

----

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން މުޅި ރާއްޖޭގައި ފެށިއްޖެއެވެ.

ވޯޓުލުން ފެށުމަށް ރަސްމީގޮތުން ހަމަޖެހިފައި އޮތީ ހެނދުނު 7:00 ގައި ކަމުން، އެ ވަގުތު ޖެހުނުއިރު ވޯޓުލާ މަރުކަޒުތަކުގައި މީހުން ތިބީ ކިޔޫގައި ޖެހިގެންނެވެ.

ވޯޓުލުން ފެށިފައިވަނީ އެކި ހިސާބުތަކުގައި އެކި ގަޑިތަކުގައެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު 273،128 މީހުންނަށް ލިބޭއިރު މީގެތެރެއިން 5134 މީހުންނަކީ އިންތިޚާބު ލަސްކުރުމުން އެއްއަހަރު ތެރޭގައި 18 އަހަރު ފުރޭ މީހުންނެވެ.

ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޖުމްލަ 3814 ކެންޑިޑޭޓުން ވާދަކުރާއިރު އިންތިޚާބުގައި ބަހައްޓާ ވޯޓުފޮށިތަކުގެ އަދަދަކީ 713 ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

© 2019 vNews.mv, vMedia / Island Broadcasting Company Pvt Ltd
Tel: +960-3018891, Fax: +960-3303647
Email: [email protected]
PO Box 20037, H. Sun Ray, Sosun Magu, Male' Maldives