ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި ގުޅިގެން، މަނާ ވަގުތުތަކުގައި ކެމްޕޭން ކުރިއިރުވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްޗީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމުން ބުނީ، އިންތިހާބުގެ އެކި ކަންކަން އެކޮމިޝަނުން މޮނިޓަރ ކުރަމުން ގެންދާއިރު، އިންތިހާބާއި ގުޅިގެން އެކި ފަހަރުމަތިން އަމިއްލަ އަދި ޕާޓީތަކަށް ނިސްބަތްވާ މީހުންގެ ފަރާތުން ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައިވެސް ކެމްޕެއިންގެ މަސައްކަތް ކުރިއަށްގެންދިޔަ ކަމަށާއި، މިކަން ހުއްޓުވުމަށްޓަކައި މިހާތަނަށް ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.

އިއްޔެ އިރުއޮއްސި 6 ޖެހިއިރު އިންތިހާބަށް ކެމްޕެއިން ކުރުން މަނާކޮށްފައިވާއިރު، އެޗްއާރްސީއެމުން ބުނީ، މިގަޑިއަށްފަހު ސޯޝަލް މީޑިޔާއާއި އެހެނިހެން ގޮތްގޮތުންވެސް ކެމްޕެއިން ކޮށްފައިވާ ކަމަށެވެ.

ކެމްޕެއިން މަނާ ވަގުތުގައިވެސް ކެންޑިޑޭޓުންގެ ފޮޓޯއާއި ވީޑިއޯގެ އިތުރުން ޕޯސްޓަރާއި މެސެޖު ފަދަ އެއްޗެހި، ކެނޑިޑޭޓެއްގެ ފަރާތުން ނޫންކަމުގައި ވިޔަސް ބައެއް ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުންނާއި އަމިއްލަ ފަރާތްތަކުން ހިއްސާ ކޮށްފައިވާކަން ފާހަގަކޮށް ކޮމިޝަނުން ބުނީ މިމައްސަލަ އެކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށެވެ.

މިއީ އިންތިހާބުތަކާބެހޭ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށްބުނެ އެޗްއާރްސީއެމުން ވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ކުރިއަށް ގެންދިއުމަށްޓަކައި އިންތިހާބުގައި ކެމްޕެއިންކުރުން މަނާ ގަޑިތަކުގައި ކެމްޕެއިން ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.

މީގެއިތުރުން އިންތިހާބާއި ގުޅިގެން އެކޮމިޝަނަށް 3 މައްސަލައެއް ހުށަހެޅިފައިވާކަމަށް މައުލޫމާތު ދެމުން އެޗްއާރްސީއެމުން ބުނީ މިމައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ހުށަހެޅިފައިވަނީ އައްޑޫ ސިޓީން ކަމަށާއި، ދެމައްސަލައެއް މާލެ ސިޓީއިން ހުށަހެޅިފައިވާ ކަމަށެވެ.

މިމައްސަލަތައް އެކޮމިޝަނުން ބަލަމުން ގެންދާކަމަށްވެސް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.