އިންތިޚާބުގައި ވޯޓުލާ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނުވަތަ ކަރަންޓީނުކޮށްފައިވާ މީހުންގެ މައުލޫމާތު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިނުވާތީ ދަތިތަކަކާ ކުރިމަތިލާން ޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުން މިފަދައިން ފާހަގަކޮށްފައިވަނީ އެކޮމިޝަނުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީންވެފައިވާ މީހުންގެ މައުލުމާތު އެ ކޮމިޝަނުން ހޯދުމުގެ މަގްސަދަކީ އެ މީހުން މުޖުތަމައުގެ ތެރޭގައި ފަލީހަތް ކޮށްލުން ނޫން ކަމަށެވެ.

މި މައުލޫމާތުތައް އެއްކުރުމުގެ މަގުސަދަކީ އެމީހުން ރަޖިސްޓްރީވެފައިވާ ފޮށިތައް ދެނެގަތުމާއި، އެމީހުން ތިބިތަން ދެނެގަތުމާއި، އެމީހުން ވޯޓުލާން ދާންޖެހޭ ތަން ދެނެގަތުން ކަމަށެވެ.

އަދި އެމީހުން ވޯޓުލާ ފޮށިތަކަށް އެ މީހުންގެ މައުލޫމާތުތައް ފޮނުވާލެވޭނެ ކަމަށާއި މިގޮތަށް ކަންކުރުމުން ވޯޓުލާންދާ މީހުންނަށްވެސް އިތުރަށް ފަސޭހަވެގެންދާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް އެޗްޕީއޭއިން ޕޮޒިޓިވް މީހުންގެ މައުލުމާތުތައް އާންމުކޮށްފައިނުވާކަން ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ހިތާމައާއެކީ ދަންނަވާލަންޖެހެނީ އެޗްޕީއޭއިން ގާނޫނާ ހަވާލާ ދެއްވާފަ ވިދާޅުވީ ޕޮޒިޓިވް ވެފައިތިބި މީހުންގެ ލިސްޓު ހާމައެއް ނުކުރެވޭނެއޭ. ގާނޫނުން އެ ބޭފުޅުންނަށް ހާމަކުރުން ލާޒިމް ނުކުރާ ކަމެއް ކުރާކަށް އަޅުގަނޑުމެންވެސް ޕްރެޝަރެއް ނުކުރަން. އެހެންނޫންނަމަ ވަރަށް ފަސޭހަކަމާ އެކީގައި އެކަން ކުރެވުނީސް.
އަހުމަދު ޝަރީފް

ޝަރީފް އިތުރަށް ވިދާޅުވީ ޕޮޒިޓިވްވެފައިތިބި މީހުން ނުވަތަ ކަރަންޓީނުގައިތިބި މީހުންގެ މައުލޫމާތުތައް ހިއްސާ ކޮށްފައިވާނަމަ އިލެކްޝަންސް ކޮމިޝަންގެ ފޯކަލް ޕޮއިންޓުތައް މެދުވެރިކޮށް އެމީހުންނާ ގުޅައި މައުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

އެހެންނަމަވެސް އެކަން އެގޮތަށް ނުވުމުން މިހާރު ނިންމާފައިވަނީ، ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާނެކަން އީސީއަށް އެންގުމުން އެސަރަހައްދެއްގެ ފޯކަލް ޕޮއިންޓަކަށް އަންގައި، އެމީހަކަށް ވޯޓުލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންނާއި، ކަރަންޓީނުގައި ތިބި މީހުން ވޯޓު ލުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00 އިން އިރުއޮއްސި 6 ޖަހަންދެންނެވެ.