މާލެއަތޮޅު އެނބޫދޫ ފިނޮޅު ކައިރިން ދަތުރު ކުރަނިކޮށް އަލިފާން ރޯވެ ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ބުނީ ތެޔޮ ބޯޑު އަޑިއަށް ދިޔައީ 18:27 އެހާއިރު ކަމަށެވެ.

ތެޔޮ ބޯޓުގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 17:50 އެހާއިރު ކަމަށާއި، ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުން ހަރަކާތްތެރިވާން ފެށި ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ތެޔޮ ބޯޓުގައި 4 މީހުން ތިބި ކަމަށާއި، އެއީ، 3 ދިވެހިންނާއި ބިދޭސީއެއް ކަމަށާއި، އެވަގުތު އެހިސާބުން ދަތުރުކުރި އެހެން އުޅަނދަކުން އެ ހަތަރު މީހުން ނަގައި، އެމީހުން ސަލާމަތުން މާލެ ގެނެސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

އަލިފާން ރޯވެ އެނދުމަށްފަހު އަޑިޔަށް ދިޔަ ތެޔޮ ބޯޓަކީ، މާލެއިން ތެޔޮ ބަރުކޮށްގެން ލ. އަތޮޅަށް ދަތުރުކުރި ބޯޓެއް ކަމަށާއި، މިހާދިސާ ހިނގިއިރު ބޯޓުގައި 60،000 ލީޓަރުގެ ޑީސަލް ހުރި ކަމަށްވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.