އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގައި، ސްޓޭޓް އެސެމްބްލީއަށް މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ވާދަވެރި ޕާޓީތަކުގެ މެދުގައި ވަރަށް ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައި، ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން 4 މީހުން މަރުވެއްޖެއެވެ.

ހަމަނުޖެހުންތައް މިއަދު ހިނގީ، ކޮލްކަތާގެ އުތުރުން އޮންނަ ކޫޗްބިހާރު އަވަށުގައެވެ.

ކުރިމަތިލުންތައް ފެށުނީ، އެ އަވަށުގައި ހުރި ވޯޓްލާ މަރުކަޒެއް ކައިރީގައި ފޯރިމަރަން ތިބި ސަލާމަތީ ބާރުތަކާ، 400 ވަރަކަށް މީހުން ދިމާކޮށްލުމުން ކަމަށް ވެއެވެ.

އާންމުން ދިމާކޮށްލުމުން އެމީހުންނަ ދިމާއަށް ބަޑިޖެހީ، ވޯޓްލުމަށް ގާއިމްކޮށްފައިވާ މަރުކަޒު ބަލަހައްޓަންތިބި ޕެރަމިލިޓަރީ ސިފައިންނެވެ.

އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ، ޕެރަމިލިޓަރީ ސިފައިން ބަޑިޖެހީ "އަމިއްލަ ދިފާއުގައި" ކަމަށެވެ.

ވޯޓްލާ މަރުކަޒު ކައިރިއަށް އެއްވި މީހުން މަސައްކަތްކުރީ އެ ސަރަހައްދު ވަށާލައި، ސިފައިންގެ އަތުން ހަތިޔާރު ފޭރިގަތުމަށް ކަމަށާއި، އެކަން ހުއްޓުވަން ސިފައިން ބަޑިޖެހުމުގެ ސަބަބުން 4 މީހުން މަރުވެފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މިހާދިސާއާ ގުޅިގެން ސިލިގޫރީގައި ބޭއްވި ކެމްޕެއިން އެއްވުމެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ، އާންމުންގެ ގަޔަށް ބަޑިޖަހަން ޕެރަމިލިޓަރީ ސިފައިންނަށް މަޖުބޫރު ކުރުވި ހާލަތު މެދުވެރިކުރީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރ މަމަތާ ބަނާރޖީއާއި، އޭނާގެ ގުންޑާއިން ކަމަށެވެ.

މިހާދިސާގެ އިތުރުންވެސް، ވެސްޓް ބެންގޯލްގައި ހިނގި ކުރިމަތިލުންތަކެއްގައި މިއަދު އިތުރު އެކަކު މަރުވެފައި ވެއެވެ. އެމީހާ މަރުވެފައިވަނީ ޗީފް މިނިސްޓަރ މަމަތާ ބަނާރޖީގެ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސްއާއި، ބޮޑުވަޒީރު މޯދީގެ ބީޖޭޕީގެ ސަޕޯޓަރުންގެ މެދުގައި ހިނގި ތަޅާފޮޅުމެއްގައެވެ.

މި ކުރިމަތިލުމުގައި މަރުވީ ބީޖޭޕީގެ ސަޕޯޓަރެކެވެ.

90 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވެސްތް ބެންގޯލްގައި ގިނަ އަދަދެއްގެ މުސްލިމުން ހިމެނޭއިރު، ޗީފް މިނިސްޓަރ މަމަތާ ބަނާރޖީވަނީ، އެ ސްޓޭޓަށް ބައިބައި ކުރުމުގެ ސިޔާސަތުތައް ވައްދައި، ހަމަނުޖެހުން އުފެއްދުމަށް ބީޖޭޕީން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރ މަމަތާ ބަނާރޖީއަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވަރަށް ދެކޮޅު ބޭފުޅެކެވެ.

އެ ސްޓޭޓްގައި ފިޔަވަހި ތަކަކަށް ބަހާލައިގެން އިންތިޚާބު ބާއްވަމުން ގެންދާއިރު، އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މެއިމަހުގެ 2 ވަނަ ދުވަހުއެވެ.