• މާލެ ސިޓީ ފިޔަވައި، އަނެއް 3 ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް

މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު، މޭޔަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުޢިއްޒުއަށް މަރްހަބާ ވިދާޅުވެއްޖެއެވެ.

އަނަސް އަބްދުއްސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުން ގޮތް ނިންމައިފި ކަމަށާއި، އިންތިޚާބުން ނުކުތް ނަތީޖާ ގަބޫލުކުރައްވާ ކަމަށެވެ.

"މާލޭގެ ރައްޔިތުން ގޮތް ނިންމައިފި. އިންތިޚާބުން ނުކުތް ނަތީޖާ އަޅުގަނޑު ގަބޫލުކޮށްފިން. އަދި ޑރ. މުޢިއްޒު ހޯއްދެވި ކާމިޔާބީއަށް މަރްހަބާ ދަންނަވަން"
އަނަސް އަބްދުއްސައްތާރް

އަނަސްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، އިންތިޚާބުން ނުކުތް ނަތީޖާ މުރާޖައާކޮށް، މާލޭގެ ރައްޔިތުންގެ ތާއީދު އަލުން ހޯދުމަށް އެމްޑީޕީން ގެންގުޅޭ ސްޓްރެޓެޖީ އަލުން ރާވަންޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑަށް ވޯޓްދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކްރިއްޔާ"
އަނަސް

މިއީ، ލާމަރުކަޒީ އުސޫލަށް ރާއްޖޭގައި ވެރިކަން ކުރަން ފެށިފަހުން ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީއަށް މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމު ގެއްލުނު ފުރަތަމަ ފަހަރެވެ.

މާލެ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ގެއްލުނުއިރު، މާލެ ސިޓީގައި ހިމެނޭ 18 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ލިބޭނެ ކަމަށް މިހާތަނަށް ބެލެވިފައިވަނީ 7 ގޮނޑިއެވެ. އިދިކޮޅު ޕީޕީއެމްއަށް 9 ގޮނޑި ލިބޭނޭ ކަމަށް ބެލެވިފައި ވެއެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާތަކުން ދައްކާގޮތުގައި، އެމްޑީޕީއަށް ވަރަށް ބޮޑަށް ސަޕޯޓް އޮންނަ އައްޑޫ ސިޓީގެ ގޮނޑިތައްވެސް މިފަހަރުވަނީ އެނބުރިގެން ގޮސްފައެވެ.

އައްޑޫ ސިޓީގެ ވަގުތީ ނަތީޖާއިން މޭޔަރުކަން އެމްޑީޕީއަށް ކަށަވަރު ވެފައިވާއިރު، ސިޓީ ކައުންސިލުން އެމްޑީޕީއަށް ލިބޭނެ ކަމަށް ބެލެވެނީ 6 ގޮނޑިއެވެ.

ޕީޕީއެމްއަށް 3 ގޮނޑި ލިބޭނެ ކަމަށް ބެލެވިފައިވާއިރު އަމިއްލަގޮތުން ވާދަކުރެއްވި 3 ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކަށަވަރު ކުރައްވާފައެވެ.

ފުވައްމުލައް ސިޓީގެ މޭޔަރުކަންވެސް އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާފައި ވާއިރު، ފުވައްމުލައް ސިޓީގައި ހިމެނޭ 6 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް 4 ގޮނޑި އަދި ޕީޕީއެމްއަށް 2 ގޮނޑި ލިބޭނެ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

ރާއްޖޭގައި އެންމެފަހުން ސިޓީއެއްގެ ދަރަޖަ ދެވުނު ކުޅުދުއްފުށީގައި ފުރަތަމަ ފަހަރަށް ބޭއްވި ސިޓީ ކައުންސިލް އިންތިޚާބުގައި ފުރަތަމަ މޭޔަރުކަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފް ކާމިޔާބު ކުރައްވާފައި ވާއިރު، ކުޅުދުއްފުށި ސިޓީގެ އަޣުލަބިއްޔަތު ނަގާފައިވަނީ އެމްޑީޕީންކަން ވަގުތީ ނަތީޖާތަކުން ދައްކައެވެ.