މާލޭގެ ރައްޔިތުން އެދޭފަދަ ތަރައްގީއަކާއި ކުރިއެރުމެއް ނަތީޖާއިން އަދާކޮށްދެއްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުން ޕީޕީއެމްގެ ޓިކެޓުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންނެވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. މުއިއްޒުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ، މާލޭގެ ރައްޔިތުންގެ ކުރިމަގު ބައްޓަންކުރުމުގައި، ނަތީޖާ ނެރެދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނާމެދު މާލޭގެ ރައްޔިތުންގެ މިހާރު އެބައޮތްކަން އިންތިޚާބުން ހާމަކޮށްދީފައިވާ ކަމަށެވެ.

މާލޭގެ ރައްޔިތުން ކުރެއްވި އިތުބާރު، އަމާނާތްތެރިކަމާއެކު ނަތީޖާއިން އަދާކޮށްދެއްވާނެ ކަމަށްވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ މޭޔަރުކަން ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޑރ. މުއިއްޒު ކާމިޔާބު ކުރައްވާފައިވަނީ ވަރަށް ބޮޑު ތަފާތަކުންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުއިއްޒަށް 9،555 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް 5،768 ވޯޓު ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްހާން ފަހުމީއަށް ލިބިވަޑައިގެންނެވީ 268 ވޯޓެވެ.

މިއީ ލާމަރުކަޒީ ނިޒާމަކުން ކައުންސިލްތައް ހިންގަން ފެށި ފަހުން އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ މަގާމު ގެއްލުނު ފުރަތަމަ ފަހަރެވެ.