އޭޑީކޭއާއި، ހުޅުމާލެ ހޮސްޕިޓަލުން މިއަދު ފައިޒަރ ވެކްސިން ޖަހަން ފަށައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނީ، އޭޑީކޭ އަދި ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހެނދުނު 9 ޖެހިއިރު ވެކްސިން ޖަހަން ފަށާފައިވާ ކަމަށެވެ.

މި ވެކްސިން ދެވޭނީ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން އެޕޮއިންޓްމެންޓް ނަގައިގެން ކަމަށް އެޗްއީއޯސީއިން ވަނީ މައުލޫމާތު ދީފައެވެ.

ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހަދާ މީހުނަށް އެޕޮއިންޓްމެންޓްގެ މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ފައިޒަރ ވެކްސިން ޖަހާ މީހުންގެ ތެރޭގައި އުމުރުން 16 އަދި 17 އަހަރުގެ ކުދިން ހިމެނޭއިރު، މި ވެކްސިން ދޭ ކެޓަގަރީގެ ތެރޭގައި 60 އަހަރުން މަތީގެ މީހުން ތެރެއިން، ދިގުމުއްދަތަކަށް ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތްތައްވެސް ހިމެނެއެވެ.

އަދި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށްވެސް މިވެކްސިން ވަނީ ހާއްސަކުރެވިފައެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ފައިޒަރ ވެކްސިންގެ 5500 ޑޯޒެއް ގެނެސްފައިވާއިރު، މިވެކްސިން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

މިވެކްސިނަކީ ފިނި ހޫނުމިން މައިނަސް 70 ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއް ކަމުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.